ދުނިޔޭގެ ވިޔަފާރި

ރަޝިޔާ ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލެނީ!


އިނގިރޭސިވިލާތުގައި މިދިޔަ 42 އަހަރުތެރޭގައި މައްޗަށް ނުދާ މިންވަރަށް ކާބޯތަކެތީގެ އަގު މައްޗަށްދާން ފަށާފައިވާކަމަށް އެ ޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެ ޤައުމުގައި ކާބޯތަކެތީގެ އަގުތައް ވަނީ 14.6 އިންސައްތަ އުފުލިފައެވެ. މިއީ 1980 ވަނަ އަހަރުގެ ފަހުން މި އަގުތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އުފުލެމުންދާ ކާބޯތަކެތީގެ ތެރޭގައި ޕާން، ސީރިއަލް، މަހުގެ ބާވަތްތައް އަދި ކިރުގެ ބާވަތްތައް، ހަކުރު، މޭވާ އަދި ހަނޑުވެސް ހިމެނެއެވެ.

ކާބޯތަކެތީގެ އަގުތައް އިނގިރޭސިވިލާތުގައި އުފުލެމުންދާއިރު އެ ޤައުމުގައި ހަކަތައާއި ދަތުރުފަތުރަށް ކުރާ ހޭދަވެސް ދަނީ އިތުރުވަމުންނެވެ.

އިނގިރޭސިވިލާތުގެ ޖުމްލަ އިންފްލޭޝަނަށް ބަލާއިރު މިދިޔަމަހު 10.1 އިންސައްތައަށް އުފުލިފައެވެ. އަދި ކުރިއަށްއޮތްތަނުގައި މިއަދަދު އަދަދު އިތުރަށް މައްޗަށްދާނެކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން އިނގިރޭސިވިލާތުގައި ކާބޯތަކެތީގެ އަގު އުފުލެން ފަށާފައިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަަބަބުން ދަނޑުވެރިކަމަށް ބޭނުންވާ ބައެއް ތަކެތި ލިބުން ދަތިވުމުގެ ސަބަބުންނެވެ. މީގެއިތުރުން ފައިސާގެ އަގު ދަށަށް ގޮސް، އިމްޕޯޓްކުރާ ތަކެތީގެ އަގު އުފުލުމަކީވެސް އިނގިރޭސިވިލާތުގެ އިންފްލޭޝަން މައްޗަށްދާ ސަބަބެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.