ޚަބަރު

އާސަންދައާ ގުޅުވާ އޮޅުވާލައިގެން ޒާތީ މަޢުލޫމާތު ނެގުމުގެ މައްސަލަތަކެއް


އާސަންދައިގެ ނަމުގައި އޮޅުވާލައިގެން ޒާތީ މަޢުލޫމާތު އެއްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ. އާސަންދައާއި ގުޅުވައިގެން މީގެކުރިންވެސް އޮޅުވައިލައިގެން މައުޅުމާތު އެއްކުރުމާ ފައިސާ ހޯދުމުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.

އާސަންދަ ކުންފުނިން ބުނެފައިވަނީ އާސަންދައިގެ ނަމުގައި، ނަންބަރުތަކަށް މެސެޖްކޮށް، ގޮތް ނޭންގޭ ލިންކްތައް ފޮނުވަމުންދާކަމަށެވެ. އެގޮތުން އާސަންދައިން ޚިދުމަތް ލިބިގަތުމަށް އާސަންދައިގެ ޕޯޓަލް "ވިނަވި ޕޯޓަލް"ގެ މަޢުލޫމާތު ފުރިހަމަކުރަންކަމަށް ބުނެ ލިންކްތައް ފޮނުވަމުންދާ ކަމަށެވެ. އާސަންދައިން ވަނީ މިފަދަ ލިންކުތަކަށް ނުވަނުމަށް އެދިފައެވެ.

އާސަންދައާ ގުޅުންހުރި ވެބް ލިންތައް ނިމޭނީ aasandha.mv އިންނެވެ. މި ނޫން ނަންތައް ހިމެނޭ ލިންކްތަކަށް ނުވަނުމަށާއި، އަދި އެއްވެސް މަޢުލޫމާތެއް ނުދިނުމަށާއި ޕާސްވޯޑްފަދަ މަޢުލޫމަތު ޙިއްސާ ނުކުރުމަށް ވަނީ އެދިފައެވެ.

އާސަންދައާ ގުޅޭގޮތުން ޝައްކުކުރެވޭ މިފަދަ އެއްވެސް އޮޅުން އަރާ ކަމެއް ދިމާވެއްޖެނަމަ، އާސަންދައިގެ ކޯލް ސެންޓަރ 1400 އަށް ގުޅުމަށްވަނީ އެދިފައެވެ. އޮޅުވާލައިގެން މީހުންގެ ޒާތީ މަޢުލޫމާތު އެއްކުރުމާ، އެފަދަ މަޢުލޫމާތުތައް ބޭނުންކޮށް ފައިސާ ހޯދުންފަދަ ކުށްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އާސަންދައާ ގުޅުވައިގެން މީގެ ކުރިންވެސް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. ނަމަވެސް މިފަދަ މައްސަލަތައް އޭރު ކުރިމަތިވަމުން އައިސްފައިވަނީ، އާސަންދައިގެ ޚިދުމަތް ދިނުމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުން ދިއުމާ ގުޅިގެންނެވެ.

އާސަންދަ ކުންފުނިން ވަނީ އެ ކުންފުނި މެދުވެރިކޮށް ހޯދާ ޚިދުމަތުގެ ތަފްސީލު ބެލޭ ގޮތަށް "އާސަންދަ" އެޕްލިކޭޝަން ތަޢާރަފްކޮށްފައެވެ. މިއާއެކު، އެމީހަކު އާސަންދައިން ހޯދި ޚިދުމަތާ، އެކަމަށް ހޭދަވި މިންވަރާ ޑޮކްޓަރުގެ ލިޔެކިޔުންތައްވެސް ބަލާލެވޭނެއެވެ. އަދި ފޯނަށްވެސް ނޮޓިފިކޭޝަން އަންނާނެއެވެ. މިފަދަ މަޢުލޫމާތަށް ބަލާއިރު، އާސަންދައިން ހޯދާފައި ނުވާ ޚިދުމަތަކަށް ބިލް ކުރަމުންދާނަމަ، އެފަދަ ކަންކަން ވީހާވެސް އަވަހަށް އެންގުމަށް އެ ކުންފުނިން އެދެއެވެ.

މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތަކުގައި މީގެކުރިން ބައެއް ކްލިނިކްތަކަށް ފިޔަވަޅުވެސް އަޅާފައިވެއެވެ.