ކުޅިވަރު

އެސްޓީއޯ އޭދަފުށި ކަޕް: ވާދަވެރި ހުސްސޮންގުންނާއި ވެލާ ސްޕޯޓްސްގެ ކުރިމަތިލުން އެއްވަރު


އެސްޓީއޯ އޭދަފުށި ކަޕް 2022 ގައި ވާދަވެރި ހުސްސޮންގުންނާއި ވެލާ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗުގައި ލަނޑެއް ނުފެނުނު ނަމަވެސް، ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށްވެސް ވަނީ ލިބިގެން ގޮސްފައެވެ.

މިއީ މި މުބާރާތުގައި މި ދެ ޓީމުން ކުޅުނު ތިންވަނަ މެޗެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ޖުމްލަ ހަތް ޕޮއިންޓް ހޯދައި ތާވަލުގެ އެއްވަނައިގައި މިހާރު އޮތީ ވެލާ ސްޕޯޓް ކުލަބެވެ. ދެވަނައިގައި އޮތް ހުސްސޮންގުން ޓީމަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެހެން ނަމަވެސް ވެލާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

އަދި ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓާއެކު އެމްވީ ޔުނައިޓެޑެވެ. ހަތަރުވަނައިގައި އޮތް ކައްކާނި އެފްސީ އާއި ފުލުގައި އޮތް އިރުމަތި އެފްސީއަށްވެސް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގައި ބުރާސްފަތި ދުވަހު ވާދަކުރާނީ ފުލުގައި އޮތް ކައްކާނި އެފްސީ އާއި އިރުމަތި އެފްސީއެވެ. ފަސް ޓީމު ވާދަކުރާ މި މުބާރާތް ލީގު އުސޫލުން ކުރިއަށްދާއިރު، ސެމީ ފައިނަލުގެ ޖާގައެއް އަދި މިހާތަނަށް އެއްވެސް ޓީމަކަށް ގެއްލިފައެއް ނުވެއެވެ.