ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި އެންމެ ފަހުގެ ޗެމްޕިއަން ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލުން ކާމިޔާބުކޮށްފިއެވެ.
ލިޔޯންގެ ދަނޑުގައި ކުޅުނު މި މެޗް އާސެނަލް ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި އާސެނަލަށް ކާމިޔާބުކޮށްދިނީ ކައިޓްލިން ފޯޑެވެ.. އަދި އޭގެ ނުވަ މިނެޓް ފަހުން ފަރީޑާ މާނުމް ވަނީ ލަނޑެއް ޖަހައި، އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި ލިޔޯނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި އެ ޓީމަށް ޖަހައިދިނީ މެލްވީން މަލާޑެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އާސެނަލްގެ ބެތު މީޑް ވަނީ ލަނޑެއް ޖަހައި، އަނެއްކާވެސް އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިމެޗްގައި އާސެނަލްގެ ހަތަރުވަނަ ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ފޯޑެވެ. އަދި ފަހު ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބުކޮށްދިނީ މީޑެވެ.
މި ކާމިޔާބީއާއެކު އާސެނަލްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލިޔޯން މިވަގުތު އޮތީ ގްރޫޕްގެ ފުލުގައެވެ. މިގްރޫޕްގައި ދެން ކުޅުނު މެޗުން ޒިއުރިކް ވިމެން އަތުން 2-0 ގެ ނަތީޖާއަކުން ޔުވެންޓަސް ވަނީ މޮޅުވެފައެވެ.