ސްޕެނިޝް ލީގުގައި އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗު އެން މެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗް ރެއާލުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރިކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ރެއާލްއިން ގިނައިރު ބޯޅަ ގެންގުޅުނުއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗްގެ 11 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 75 ވަނަ މިނެޓުގައި ޖަހައިދިނީ ދާދި ފަހުން ބަލޮންޑޯ އެވޯޑް ކާމިޔާބުކުރި ރެއާލުގެ ފޯވާޑް ކަރީމް ބެންޒީމާއެވެ.
މިމެޗްގައި ރެއާލްގެ ކެޕްޓަން ބެންޒެމާ މީގެ ކުރިން ޖެހި ދެ ލަނޑެއް ވީއޭއާރް ބެލުމަށްފަހު ވަނީ ބަލައިނުގަންނަން ނިންމާފައެވެ. އެކަމަކު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރެއާލުން ތިންވަނަ ލަނޑެއް ޖެހިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ.
މި ކާމިޔާބިއާއެކު ރެއާލް ވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު 10 މެޗްގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ 28 ޕޮއިންޓް ހޯދާފައެވެ. އަދި މިވަގުތު އެ ޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއްވެސް ނަގާފައެވެ. ނަމަވެސް އެއީ ދެވަނައިގައި އުޅޭ ބާސެލޯނާއަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެންނެވެ. އަދި މި ނާކާމިޔާބިއާއެކު އެލްޗޭ އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.