ކުލަބު މޯލްޑިވްސް ކަޕް 2022 ގެ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ސްޓެލްކޯ ޖާގަ ހޯދިއިރު، ޓީމު އެފްއެސްއެމް އާއި ކަސްޓަމްސް އަދި އެމްޕީއެލްއިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
ގްރޫޕް އީގެ އެއްވަނަ ސްޓެލްކޯއަށް ލިބުނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައި، ފައިދާ ލަނޑުގެ ތަފާތުންނެވެ. މި އަދަދަށް ދެވަނައަށްދިޔަ އެފްއެސްއެމްއަށްވެސް ވަނީ ޕޮއިންޓް ލިބިފައެވެ.
މި މުބާރާތުގައި ބުދަ ދުވަހުގެރޭވެސް ވަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ހަތަރު މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި އެފްއެސްއެމް އިން ހޯމް އެފެއާޒް ރެކްރިއޭޝަން ކުލަބު އަތުން މޮޅުވީ 15-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި އެފްއެސްއެމްގެ މުޙައްމަދު ނާފިއު އަޙްމަދާއި މުޙައްމަދު ޖުމާން ހެޓްރިކް ހެދިއިރު، އަޙްމަދު ވިޖުދާން (ވިޖޫ) އާއި އަބްދުﷲ ޒިޔާން (ޖަންކީ)، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި އެފްއެސްއެމްއިން ކާމިޔާބުކުރި އަނެއް ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އަޙްމަދު ނަޝާތާއި، މުޙައްމަދު ޒިޔާދު އަަދި އިސްމާޢީލް ޝައިހާނެވެ.
މި މެޗުގައި ހޯމް އެފެއާޒް ރެކްރިއޭޝަން ކުލަބުން ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ހަސަން ޖައުފަރު އަދި ޒައިދާން އަބްދުﷲއެވެ.
މި ގްރޫޕުގައި ރާއްޖެ އޮންލައިނާ ދެކޮޅަށް ކުޅުނު މެޗު ސްޓެލްކޯއިން ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ސްޓެލްކޯގެ ޖުމައިލް ޖަމީލް ހެޓްރިކް ހެދިއިރު، ދެން އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިމާހާއި، ޝުއައިދު ސައީދު އަދި މުޙައްމަދު ވިލްފެވެ. މި މެޗުގައި ރާއްޖެ އޮންލައިން އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްދޫން އަޙްމަދެވެ.
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި އެމްޕީއެލް ދެވަނަ ބުރުން ޖާގަ ހޯދީ ކުލަބު އާސަންދަ 7-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މި މެޗުގައި ސްޓެލްކޯގެ އިބްރާހީމް އިމްރާހް ދެ ލަނޑު ޖެހިއިރު، ދެން އެ ޓީމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ އަލީ ޝަމާލް އަބްދުﷲ އާއި، އަޙްމަދު ހުސެއިނާއި، ސިނާން އިބްރާހީމް ރަޝީދު އަދި މުޙައްމަދު ޔަފާއުއެވެ.
މި ގްރޫޕްގެ ފަހު މެޗުގައި ކަސްޓަމްސްއިން ވަނީ ކުލަބު އެމްވައިއެސް ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މި މެޗު ކަސްޓަމްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ކަސްޓަމްސްއިން ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އަޙްމަދު ޝަމާލް އާއި ސަރާއު ހަމީދެވެ. އަދި އެމްވައިއެސްގެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަތުހުﷲ ޖަމީލެވެ.