ދުނިޔެ

ބިރު ދެއްކުމުގެ ސަގާފަތަށް ނިމުން އަތުވެއްޖެ- އީރާން


އީރާނާއި ދުނިޔޭގެ ބާރުތަކާއެކު މިދިޔަ އަހަރު އެކުލަވާލެވުނު ނިއުކްލިއަރ މުއާހަދާގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި އުފެދިފައިވާ ބިރު ދެއްކުމުގެ ސަގާފަތަށް ނިމުން އައިސްފައިވާ ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ. ރޫހާނީ މިމޭރުމުން ވިދާޅުވީ އީރާނުގައި 1979 ވަނަ އަހަރު ގެނައި އިންގިލާބުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެގައުމުގައި ބޭއްވި ރަސްމީ ހަފްލާގައި ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.ރޫހާނީގެ ވާހަކަފުޅުގައި ވިދާޅުވީ ހުޅަނގާއި ޔަހޫދީން އިރާނަކީ ނުރައްކާތެރި ގައުމެއްގެ ގޮތުގައި ދެއްކުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި، މިދިޔަ އަހަރުގެ މުއާހަދާ އިން އެކަން ސާބިތުވެގެން ދިޔަ ކަމަށާއި އީރާނަކީ ސުލްހައަށް އިސްކަންދޭ ގައުމެއް ކަން ހުޅަނގުގެ ގައުމުތަކަށް ފެނިފައިވާ ކަމަށެވެ. އަދި، ހުޅަނގާއި އިސްރާއީލުން ބޭނުންކުރަމުން ދިޔަ ބިރު ދެއްކުމާއި ނިކަމެތި ކޮށްލުމުގެ ސަގާފަތަށް ނިމުމެއް އައިސްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އީރާނާއި ހުޅަނގުގެ ބާރުތަކުން އެކުލަވާލާފައިވާ ނިއުކްލިއަރ މުއާހަދާއަށް އިރާނުގެ ބައެއް ރައްޔިތުންނާއި ނުފޫޒުގަދަ ޖަމާއަތްތަކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އެފަރާތްތައް ބުނާ ގޮތުގައި މިފަދަ އެއްބަސްވުމަކަށް ދިއުމަކީ އީރާނު ބަލިކަށިވުން ކަމަށެވެ. ރޫހާނީ އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވަނީ މިކަމަށް ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން، އީރާނުގެ ނިއުކްލިއަރ ހަކަތައިގެ މަޝްރޫއަށް ގާނޫނީ ޙިމާޔަތް ލިބި، ދުނިޔޭގެ ބާރުތަކާއެކު ހަރުދަނާ ގުޅުންތައް ޤާއިމްކުރުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށެވެ. އީރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.