ޚަބަރު

ޔޫކްރެއިނުގެ ސަރަޙައްދުތަކުގައި ރަޝިޔާއިން ކުއްލި ހާލަތު އިޢުލާނުކޮށްފި


ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއްގައި ރަޝިޔާއިން ކުއްލި ހާލަތު އިޢުލާނު ކޮށްފިއެވެ. އެ ސަރަޙައްދުތަކަކީ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ޑޮނެޓްސްކް، އަދި ލުހާންސްކްގެ އިތުރުން ދެކުނުގައިވާ ޚާރްސަންއާއި ޒަޕޮރީޜިޔާއެވެ. އެ ސަރަޙައްދުތަކުގައި ކުއްލި ހާލަތު އިޢުލާނު ކޮށްފައިވާ ކަން ހާމަ ކުރެއްވީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއެވެ.

"ކުއްލި ހާލަތު އިޢުލާނުކޮށްފައި ވަނީ ރަޝިޔާގެ ހަތަރު ސަރަޙައްދެއްގައި. އެ ސަރަޙައްދުތަކުގައި ކުއްލި ހާލަތު އިޢުލާނު ކުރުމުގެ އަމުރުގައި ވާނީ ސޮއިކޮށްފައި،" ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ. ޕުޓިންގެ އަމުރަށް އަމަލު ކުރަން ފަށާނީ އޮކްޓޫބަރު 20ވަނަ ދުވަހުން ފެށިގެންނެވެ.

ރަޝިޔާއިން ކުއްލި ހާލަތު އިޢުލާނު ކޮށްފައިވާ ހަތަރު ސަރަޙައްދަކީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި ހިފާފައިވާ ސަރަޙައްދުތަކެކެވެ. މި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.

އެ ހަތަރު ސަރަޙައްދަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، އެ ތަންތަނުގެ ފެންނަ ނުފެންނަ ވޯޓުތަކެއް ނެގުމަށް ފަހުއެވެ. ވޯޓު ލާފައި ވަނީ، ޔޫކްރެއިނުން ވަކިވެ، ރަޝިޔާއާ ގުޅުމާ މެދު ގޮތެއް ނިންމުމަށެވެ. ވޯޓަށް ފަހު ރަޝިޔާއިން ބުނީ، އެ ސަރަޙައްދުތަކުގެ ރައްޔިތުން ބޭނުން ވަނީ ރަޝިޔާއާ ގުޅެން ކަމުގައެވެ. އަދި، އެއަށްފަހު އެ ހަތަރު ސަރަޙައްދަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައި އެ ކަން އިޢުލާނު ކުރިއެވެ.

ނަމަވެސް، ޔޫކްރެއިނުގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ވަނީ ރަޝިޔާގެ ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި، އ.ދ.ގެ އިތުރުން ބައިނަލްއަޤުވާމީ އެހެން ޖަމުޢިއްޔާ ޖަމާޢަތްތަކުން ވެސް ވަނީ ރަޝިޔާގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. މި ކަމުގައި ރަޝިޔާއަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒު ކޮށްފައި ވަނީ އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކެވެ.

މި ހަނގުރާމައިގައި ރަޝިޔާއިން މި ހަފުތާގެ ތެރޭގައި ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން ބޮޑެތި އެހެން ރަށްތަކަށް ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި ކްރޫޒް މިސައިލްގެ އިތުރުން އީރާނުން އުފައްދާ ކަމިކާޒީ ޑްރޯން ވެސް ބޭނުން ކުރަމުންދާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ.

މި ކަމާ ގުޅުވައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ރަޝިޔާއާއި އީރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "މި ހަނގުރާމައިގައި ރަޝިޔާއިން އީރާނުގެ އަސްކަރީ އެހީތެރިކަމަށް އެދެން ޖެހުމުން ހާމަ ވަނީ، ރަޝިޔާ އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ބަލިކަށިވެފައިވާ މިންވަރު،" ޒެލެންސްކީ ވިދާޅުވިއެވެ.

"ހާމަވާ ދެވަނަ ކަމަކީ، ރަޝިޔާ ހިނގަމުން އެ ދަނީ ނާކާމިޔާބީގެ މަގުން ކަން. އަދި، އެހެން ޤައުމުތައް މި ހަނގުރާމައިގެ ތެރެއަށް ވައްދަން މަސައްކަތް ކުރާ ކަން،" ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާއަށް ޑްރޯން ފަދަ ހަތިޔާރު އީރާނުން ފޯރުކޮށްދޭ ކަން ހާމަވުމާ ގުޅިގެން އީރާނާ އެކު ސިޔާސީ ގުޅުން ކަނޑައިލަން ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ޑްމިޓްރޯ ކުލެބާ ވަނީ ހުށަހަޅުއްވާފައެވެ.

ރަޝިޔާއިން އީރާނުން ފޯރުކޮށްދީފައިވާ ޑްރޯން ބޭނުން ކުރާ ކަމަށް ޔޫކްރެއިނާއި ހުޅަނގުން ތުހުމަތު ކުރި ނަމަވެސް، ރަޝިޔާއިން ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން އެ ފަދަ ހަތިޔާރެއް ބޭނުން ކުރާ ކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނެތް ކަމުގައި ބުނެފައެވެ. އަދި، އީރާނުން ވެސް ވަނީ އެ ފަދަ ހަތިޔާރު ރަޝިޔާއަށް ފޯރުކޮށްދީފައި ނުވާނެ ކަމަށް ބުނެފައެވެ.