ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާބެހޭ ބައްދަލުވުމެއްގެ ކޯ ޗެއަރއަކަށް ޖެންޑަރ މިނިސްޓަރ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި "އިކޮނަމިކް، ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް" ގެ މެންބަރު ޤައުމުތަކަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރ ބައިވެރިވެ ވަޑައިގެންފިއެވެ.

އިންޑޮނޭޝިއާގެ ޖަކާޓާގައި މިއަދު ފެށި މަތީ ފަންތީގެ ބައްދަލުވުން "މީޓިންގ އޮން ދަ ފައިނަލް ރިވިއު އޮފް ދަ އޭޝިއަން އެންޑް ޕެސިފިކް ޑިކޭޑް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް، 2013-2022" ކުރިއަށް ގެންދަނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައްދަލުވުމުގެ ކޯ-ޗެއަރ އަކީ މިނިސްޓަރ ޢާޢިޝަތު މުޙައްމަދުދީދީއެވެ. މިއީ ޤައުމުތަކު އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމަށް، ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ހާޞިލުކުރުމަށްޓަކައި އދ.ގެ އިކޮނަމިކް އަދި ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް ގެ މެންބަރު ގެ މެންބަރު ޤައުމުތަކުން ފާއިތުވެދިޔަ ޤަރުނުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ ދެނެގަތުމަށް 2021ވަނަ އަހަރު ވޮލަންޓަރީ ސަރވޭގެ ނަތީޖާ އަދި ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ކުރިއަށް އޮތް ޤަރުނުގައި މެންބަރު ޤައުމުތަކުން މަސައްކަތްތައް ރާވާނެގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ. މިގޮތުން ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ޤާނޫނުތައް ޔޫ.އެން.ސީ.އާރު.ޕީ.ޑީގައި ހުރިކަންކަން ޙާޞިލްކުރުވޭނެފަދަ ގޮތަކަށް ބައްޓަންކުރުމާއި، އައު ވިސްނުންތަކާއެކު ނުކުޅެދުންތެރިކަންހުންނަ މީހުންނަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުން އިތުރުކުރުމާގުޅޭ ގޮތުންވެސް މަޝްވަރާ ކުރާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އައު މައްސަލަތައް ދެނެގަތުމާއި، މިފަދަ ފަރާތްތަކަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުކުރެވޭ ފަދަ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް މޮނިޓަރކުރުމުގެ މަޝްވަރާތައް ކުރާނެއެވެ.