ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބުން ކުދި ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްތަކަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ބިޒްނަސް ސެންޓާ ކޯޕްރޭޝަން، ބީސީސީން މިއަދު ކޮށްފައިވާ އިއުލާނުގައި ވަނީ ކިއޮސްކުތަކަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް އިތުރު ކޮށްފައިވާކަމަށެވެ
އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބްގެ މައިގަނޑު މަޤްސަދަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރި ކުރުމަށް ފަހި ފުރުސަތެއް ހޯދަދިނުންކަމަށެވެ.
އެލައިޑް ބިލްޑިންގްގެ 3 ފަންގިފިލާގައި ތަރައްޤީކުރެވޭ އެސްއެމްއީ ހަބް ތަރައްޤީކުރަނީ މޯލްއެއްގެ ގޮތަށެވެ. އެންމެ ފުރަތަމަ ފަންގިފިލާ ޙާއްސަކުރެވިފައި ވަނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ޕޭސްޓްރީޒްއާ ކޭކު ފަދަ ތަކެތި ގޭގައި ތައްޔާރުކުރާ ފަރާތްތަކަށް މިހަބުން ކިއޮސްކެއް ބައްލަވައިގަނެގެން އެފަރާތަތްކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް ބީސީސީން ވިދާޅުވެއެވެ.
އެސްއެމްއީ ހަބުން އަމިއްލައަށް ވިޔަފާރި އައުޓްލެޓެއް ހުޅުވުމުގެ ކުރިން އެމީހަކު އުފައްދާ އުފެއްދުމަކީ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަކީ މުޖްތަމައު ބަލައިގަންނަ، ޑިމާންޑް އޮތް ނުވަތަ ވިއްކޭނެ މުދަލެއްކަން ޔަޤީންކޮށް ވިޔަފާރި ހުޅުވުމާއި ދޭތެރޭގައި ތަޖްރިބާކޮށްލަން ފުރުސަތު ލިބިގެންދާނެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. ބީސީސީގެ ދަށުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވައި މި ފިހާރަތަކުންވެސް އަންނަނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކަމުންނެވެ.