ޚަބަރު

ޤައުމީ އިނާމް ދިނުން މާދަމާރޭ، 32 ފާރަތަކަށް އިނާމު ލިބޭނެ


މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅުންނާއި 3 ފަރާތަކަށް ދެއްވުމަށް ނިންމަވައިފިއެވެ.

ގައުމީ އިނާމަކީ ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި އެކި ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކުރުމާއި ހިތްވަރުދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ އިނާމެކެވެ.

މި އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ އިނާމެކެވެ.

ޤައުމީ އިނާމަށް މިއަހަރު ހުޅުއްވައިލައްވާފައިވަނީ، މައިގަނޑު 34 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް ހުށައެޅުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކާ، ކުންފުނި، ޖަމުޢިއްޔާ ޖަމާޢާތަކަށްވެސް ހުޅުވާލިއެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮވާފައިވަނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މިފަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން 5 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް މާދަމާ ރޭ، 8:30 ގައި ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.