ކުޅިވަރު

ވަރުގަދަ ބީއެމްއެލް ކެޓިއިރު، ފެނަކަ އާއި އެއާޕޯޓުގެ ޓީމުތައް ދެވަނަ ބުރަށް


ކުލަބު މޯލްޑިވްސް ކަޕް 2022 ގައި ވަރުގަދަ ޔުނައިޓެޑް ބީއެމްއެލް ކެޓިއިރު، ޓީމު ފެނަކަ އާއި، ކުލަބް އެއާޕޯޓްސް އާއި، ކުލަބު އެވްސެކް އަދި އެމްއޭސީއެލް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގައި އަންގާރަ ދުވަހުގެރޭވެސް ވަނީ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ހަތަރު މެޗެއް ކުޅެފައެވެ.

ގްރޫޕް ޑީގައި ހިމެނޭ ކުލަބު އެއާޕޯޓްސް ދެވަނަ ބުރުން ޖާގަ ހޯދީ ފެނަކަ އަތުން ބަލިވި ނަމަވެސް، ފައިދާ ލަނޑުން ބީއެމްއެލް އަށްވުރެ ކުރި ލިބޭތީއެވެ. އަންގާރަ ދުވަހުގެރޭ ފެނަކަ އާއި އެއާޕޯޓްސް ބައްދަލުކުރި މެޗު ނިމުނީ 3-1 ގެ ނަތީޖާއަކުން ފެނަކަ މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ފެނަކައިގެ އަޔާޒް އަޙްމަދު (އަޔާ) ދެ ލަނޑު ޖެހިއިރު، އެ ޓީމުން ކާމިޔާބުކުރި އަނެއް ލަނޑު ޖަހައިދިނީ ހުސެއިން ޝަރީފް (އޮންލީ)އެވެ. އެއާޕޯޓްސްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަގީލެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ބީއެމްއެލްއިން ވަނީ ޓީމު ސިވިލް ކޯޓުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ.

މި މެޗުގައި ބީއެމްއެލްގެ އިބްރާހީމް ހަމްދާން ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ދެން މި މެޗުގައި ބީއެމްއެލް އަނެއް ލަނޑު އެ ޓީމަށް ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މި މެޗުގައި ސިވިލް ކޯޓުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހީމް (އަންކޮ)އެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި ހިމެނޭ އެމްއޭސީއެލްއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ފަހު މެޗުގައި ޓީމު ޑީޖޭއޭ 5-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗުގައި އެމްއޭސީއެލްގެ އަބްދުﷲ ސުޒައިރު ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. އެ ޓީމުން ދެން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ އަޒްޔާން އިބްރާހީމާއި އިބްރާހީމް ޝަނޫނެވެ.

ގްރޫޕް ސީން ދެވަނަ ބުރުން ޖާގަ ހޯދި އެވްސެކްއިން ވަނީ އަންގާރަ ދުވަހުގެރޭ ޓްރޭޑް ކުލަބުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި އެވްސެކުގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އިސްމާޢީލް ޝާހިދާއި ތައުމީން ނޫހުއެވެ. ޓްރޭޑް ކުލަބުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ހިސާން މުޙައްމަދެވެ.