ޚަބަރު

އަންނަ ހަފްތާގައި އިސްލާމީ މަރުކަޒުގައި ހުކުރުކުރައްވާނީ މުފްތީ މެންކް!


މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ، މުފްތީ މެންކް މިމަހުގެ 28ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމަހުގެ 28ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި، މުފްތީ މެންކް ޚުތުބާ ދެއްވުމަށް ހަމަޖެހިފައިވާ މަޢުޟޫޢަކީ "ރިވައިވް ޔުއަރ ކަނެކްޝަން ވިތް ﷲ" ނުވަތަ މާތް ﷲ އާ އޮންނަ ގުޅުން ބަދަހިކުރުން ކަމަށެވެ.

މެންކް މީގެ ކުރިން ރާއްޖެއަށް ކުރެއވި ދަތުރުފުޅުގައިވެސް ވަނީ އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދުކުރައްވާފައެވެ.

ގިނަ ބައެއްގެ މަޤުބޫލުކަން ހޯއްދަވާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ. މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރުސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ދަރުސް އޮންނާނީ މިމަހުގެ 28ވަނަ ދުވަހު މާލޭ ކާނިވާ ސަރަޙައްދުގައެވެ. އަދި 29ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް މިމަހުގެ 31ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކް އެންމެ ފުރުތަމަ ރާއްޖެވަޑައިގެންނެވީ 2015ވަނަ އހަރުގައެވެ. އަދި އެންމެ ފަހުން ވަޑައިގެންނެވީ 2020ވަނަ އހަރުގައެވެ.

މުފްތީ މެންކަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާއި ގުޅޭގޮތުން ދަރުސް ދެއްވަމުން ވަޑައިގަންނަވާ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. މުފްތީ މެންކު ފާހަގަކުރެވެނީ މުޖުތަމަޢުތަކުގައި ހުރި ގިނަ މައްސަލަތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވާ އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށްދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.