ކުޅިވަރު

އެސްޓީއޯ އޭދަފުށި ކަޕް: ގައުމީ ޓީމުގެ ކުޅުންތެރިންގެ ލަނޑުތަކާއެކު އެމްވީ ޔުނައިޓެޑަށް ބޮޑު މޮޅެއް


އެސްޓީއޯ އޭދަފުށި ކަޕް 2022 ގައި އެމްވީ ޔުނައިޓެޑުން ކުޅުނު ދެވަނަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ އިރުމަތި އެފްސީއާ ވާދަކޮށް 7-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އެމްވީ ޔުނައިޓެޑުންނެވެ. ގައުމީ ފުޓްބޯޅަ ޓީމުގައި އޭދަފުއްޓަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށްވާ ހައިޝަމް ހަސަން އާއި ހަމްޒާ މުޙައްމަދު (ހަމްޕު) ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ހައިޝަމް ވަނީ ހަތަރު ލަނޑު ޖަހައިދީފައެވެ.

އެގޮތުން މެޗުގައި ހައިޝަމް ލަނޑުތައް ޖެހީ މެޗުގެ 12 ވަނަ މިނެޓާއި، 29 ވަނަ މިނެޓާއި، 40 ވަނަ މިނެޓުގެ އިތުރުން 55 ވަނަ މިނެޓުގައެވެ. އަދި އޭނާ ހެޓްރިކް ހެދި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

ހައިޝަމުގެ އިތުރުން މި މެޗުގައި އެމްވީ ޔުނައިޓެޑުގެ ހަމްޕު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އުމެއިރެވެ. މި މެޗުގައި އިރުމަތީ އެފްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ 70 ވަނަ މިނެޓުގައި އަލީ ޒުބައިރެވެ.

މި މެޗުން އެމްވީ ޔުނައިޓެޑް މޮޅުވިއިރު، މިއީ މި މުބާރާތުގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. އެގޮތުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެމްވީ ޔުނައިޓެޑް ވަނީ ހުސްސޮނގުން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިމުބާރާތުގައި ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ އެ ރަށުގެ އެންމެ ވާދަވެރި ދެ ޓީމު ކަމަށްވާ ހުސްސޮނގުންނާއި ވެލާ ސްޕޯޓްސް ކުލަބެވެ.