ޚަބަރު

މެލޭޝިޔާގައި ބާއްވާ އިންޓަނޭޝަން ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަނީ ޢާއިޝަތު ލީސް


"62 ވަނަ އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ޤުރްއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލްކުރުމަށް ހަމަޖެހިފައިވާ ޢާއިޝަތު ލީސް އަޢުރަފް ފާރޫޤު މެލޭޝިޔާއަށް ފުރައިފިއެވެ.

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ މި މުބާރާތުގައި ބައިވެރިވުމަށް، ދަރިވަރަކު ހޮވާފައިވަނީ މިކަމަށް ޚާއްސަ އޮޑިޝަނެއް ބާއްވައި އެ އޮޑިޝަނުން ހޮވުނު ދަރިވަރެވެ. މި މުބާރާތަށް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ދަރިވަރެއް ކަމުގައިވާ ޢާއިޝަތު ލީސް އަޢުރަފް ފާރޫޤެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވަނީ މި ދަރިވަރާ ބައްދަލުކުރައްވައި ހިތްވަރުދެއްވާފައެވެ.

މެލޭޝިއާ ސަރުކާރުން އިންތިޒާމްކުރައްވައިގެން މި އޮކްޓޫބަރު މަހުގެ 17އިން 22އަށް ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އުމުރުން 15 އަހަރުގެ ޢާއިޝަތު ލީސް އަޢުރަފް ފާރޫޤަކީ މުބާރާތުގައި ބައިވެރިވާ އެންމެ ހަގު ދަރިވަރުކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.

މި ދަރިވަރު މުބާރާތަށް ރާއްޖޭގެ ފަރާތުން ހޮވިފައިވަނީ މެލޭޝިއާއިން މިމުބާރާތް އިންތިޒާމުކުރައްވާ ފަރާތުން ކުރިއަށް ގެންދިޔަ އޮޑިޝަނުންވެސް ކޮލިފައިވުމުންކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ.

އެ މަރުކަޒުން ކުރެއްވި މަސައްކަތުން ބެލެނެވެރިއާއާއެކު މި މުބާރާތަށް ދިޔުމަށް ޢާއިޝަތު ލީސް އަޢުރަފް ފާރޫޤަށް ފުރުސަތު ލިބިފައިވެއެވެ. މިފަދަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށްޓައި ވީހާވެސް ގިނަ ދަރިވަރުން މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ މަރުކަޒުން އެދެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ ވިއްސަކަށް އަހަރު ވެފައިވާއިރު، ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން، ގަދަ 10 އަދި ގަދަ 5 ގައިވެސް މީގެކުރިން ހިމެނިފައިވެއެވެ.