ކުޅިވަރު

ސެމީ ފައިނަލުން ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެންނަން ބޭނުން


ސެމީފައިނަލުން ރާއްޖެ ބަލިވަމުން އަންނަ ސިލްސިލާ ނިމުމަކަށް ގެންނަން
ބޭނުންވާ ކަމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާބާޓް ބުނެފިއެވެ. 

ސައުތު އޭޝިއަން ގޭމްސްގެ ސެމީފައިނަލްގައި މާދަމާ ނޭޕާލާ ވާދަކުރާ މެޗްގެ ކުރިން
ޕީއެސްއެމްއާ ވާހަކަދައްކަމުން ކޯޗް ބުނީ ރާއްޖޭގެ ޓީމާ މެދު އިތުބާރު އެބައޮތް
ކަމަށާއި، ބޭނުންވަނީ މޮޅު ކުޅުމެއް ދައްކައިގެން މެޗް ކާމިޔާބުކުރަން ކަމަށެވެ.



" ސެމީއާ ހިސާބުން މި ހުއްޓެނީ. ބޭނުންވަނީ އެހިސާބު ގިރާކޮށް
ކުރިއަށްދާން. ރާއްޖެ އޮތީ މެޗަށް ތައްޔާރަށް. ކުޅުންތެރިންނާމެދު އިތުބާރު
އެބައޮތް" ކޯޗް ބުންޏެވެ.



އެންމެ ފަހުގެ ސާފް ސުޒުކީ ކަޕް އަދި ބަންގަ ބަންދު ފުޓްބޯޅަ މުބާރާތުން
ރާއްޖެ ކެޓީ ސެމީފައިނަލާ ހިސާބުންނެވެ. ކޯޗް ހާބާޓް ބުނީ އެންމެ ފަހުން ބަންގަ
ބަންދު ފުޓްބޯޅަ މުބާރަތުގެ ސެމީފައިނަލްގައި ކުޅުނު ނޭޕާލް ޓީމާ ސައުތު އޭޝިއަން
ގޭމްސްގައި ވާދަކުރާ ޓީމާ ތަފާތު ކަމަށެވެ. އަދި ނޭޕާލަކީ ހަލުވިވެފައި ވަރުގަދަ
ޓީމެއް ކަމަށް ކޯޗް ބުންޏެވެ.

ޓީމްގެ ކެޕްޓަން އިސްމާއިލް އީސާ ބުނީ ބޭނުންވަނީ ކެޕްޓަންކަމުގެ ދަށުން ރާއްޖެއަށް ރީތި ނަމެއް ހޯދަދޭން ކަމަށެވެ. 

"މިމެޗަށް މި ނިކުންނަނީ ސެމީއެއް ކަމަށް ނުދެކި. އިރާދަކުރެއްވިއްޔާ މޮޅު ކުޅުމަކާއެކު މެޗް ކާމިޔާބުކުރާނަން." އީސަ ބުންޏެވެ.



ބަންގަ ބަންދު ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ރާއްޖެ ކެޓީ ހަތަރު ލަނޑު
އެއްލަނޑުން ނޭޕާލް އަތުން ބަލިވެގެންނެވެ. ސައުތު އޭޝިއަން ގޭމްސްގެ
ސެމީފައިނަލްގައި ރާއްޖެއާ ނޭޕާލް ވާދަކުރާ މެޗް ފަށާނީ މާދަމާ ރާއްޖެ ގަޑީން
އިރުއޮއްސި ހަގަޑި ތިރީހުގައެވެ.