ޚަބަރު

ދެކުނުގެ ހަތަރު އަތޮޅުގެ ކުނީގެ މައްސަލަ މިއަހަރު ހައްލުވާނެ


މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީއާއި ފުވައްމުލަކާއި ހުވަދުއަތޮޅުގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރ ޤާއިމްކުރައްވާނެކަމަށް އެންވައިރްމެންޓް މެނިސްޓްރީން ހާމަކުރައްވައިފިއެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތައް ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ބީލަމަށް ހުޅުއްވާލެއްވުމަށް ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ރާއްޖޭގެ އެންމެ ދެކުނުގެ އަހަތަރު އަތޮޅުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ހިންގަވަން ނިންމަވައި، އެކަމަށް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުން. ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެންވައިރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، އައްޑޫސިޓީއާއި ފުވައްމުލަކާއި ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރި ހިމެނޭ އެންމެ ދެކުނުގެ 4 އަތޮޅުގެ ވޭސްޓްމެނޭޖްމެންޓް ސެންޓަރ ޤާއިމްކުރެއްވުމުގެ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި ޤާއިމްކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރ އަޅުއްވާނެ ތަން މިހާރު ފައިނަލް ކުރައްވާފައިވާކަމަށެވެ. އައްޑޫގައި ޤާއިމްކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެގެންދާނީ އެ އަތޮޅުގެ ހުރިހާ ރަށެއްގެ ކުނި ޖަމަކުރާނެ ތަނަށްކަން މިނިސްޓަރ ހާމަކުރެއްވިއެވެ. ފުވައްމުލަކުގައި މިހާރު ހުރި ކުނިކޮށި އިތުރަށް ތަރައްޤީކުރައްވައި، އެތަނަށް ބޭނުންވާ އިކުއިޕްމެންޓްވެސް މިއަހަރުގެ ތެރޭގައި ގެންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "ބޭނުންވަނީ ކޮންކޮން އިކުއިޕްމެންޓްތަކެއްތޯ ބަލަމުން މިދަނީ، މިއަހަރު އޯޑަރުދީ، މަސައްކަތް ކުރިއަށްގެންދާނަން" މިނިސްޓަރ ވިދާޅުވިއެވެހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ ރަށްރަށުގައި ޤާއިމްކުރައްވާ ވޭސްޓްމެނޭޖްމެންޓް ސެންޓަރުތައް ހެއްދެވުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެކަން ހާމަކުރައްވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، ތިނަދުއާއި ވިލިގިލީގެ ކުނިކޮށި ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް މި އަހަރު ފަށްޓަވާނެކަމަށެވެ. މި ހުރިހާ ކަމަކަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، މީގެތެރެއިން ބައެއް މަސައްކަތްތަކަށް ބޭރުގެ ލޯން އެހީވެސް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "އައިރީނާގެ ލޯނު އެހީ އަދި ޔޫރަޕްގެ ފަރާތަކުންވެސް ލޯނު އެހީ ލިބިފައިވަނީ. އަދި ޕީއެސްއައިޕީގެ ތެރެއިންވެސް ބައެއް މަސައްކަތްތައް ކުރިއަށްދާނެ" މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގައި ސަރުކާރުން ދެ ފެންވަރެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޤާއިމްކުރައްވަން ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ރަށު ފެންވަރު މަރުކަޒުތަކާއި އަތޮޅު ނުވަތަ ސަރަޙައްދީ ފެންވަރުގެ ތަންތަނަށެވެ. ރަށްރަށުގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމްކުރެއްވުމުގެ ބޭނުމަކީ، އެރަށެއްގައި އުފެދޭ ކުނީގެ ތެރެއިން އެ ސެންޓަރުތަކުން ރައްކާތެރިކަމާއެކު ނައްތާލެއްވުމަށް މަގުފަހިކުރެއްވުމެވެ. އަދި ސަރަޙައްދސީ ނުވަތަ އަތޮޅު ފެންވަރުގެ ސެންޓަރުތަކުން އެ ސެންޓަރެއް ހުންނަ ރަށުގެ ކުންޏާއި އެ ސަރަޙައްދުގެ އެހެން ރަށްރަށުން އެ ސެންޓަރަށް ގެންނަންޖެހޭ ކުނރައްކާތެރިކަމާއެކު ނައްތާލެވޭނެ އިންތިޒާމް ހަމަޖެއްސަވާނެއެވެ. އަދި ސަރުކާރުގެ އަމަޒަކީ، 2018 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށަކަށް ބޭނުންވަ ވޭސްތް މެނޭޖްމެންޓް ސެންޓަރުތައް ޤާއިމް ކުރައްވައި ރައްޔިތުންނާއި އެމީހުންގެ ރަށް ކުނީގެ ނުރައްކަލުން ސަލާމަތްކޮށްދެއްވުމެވެ.