ޚަބަރު

އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ޙާއްޞަ ހަރަކާތްތަކެއް


އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ "ވަން ބިލިއަން ރައިޒިން" ކެމްޕެއިންގެ ދަށުން، މާލޭގައި ޚާއްސަ ހަވީރެއް މިއަދު ކުރިއަށްގެންގޮސްފިއެވެ."ހޯޕް ފޯރ ވުމަން"ގެ އިސްނެގުމާއެކު މި ހަރަކާތް ބާއްވާފައި ވަނީ މިއަދު ހަވީރު އާޓިފިޝަލް ބީޗްގައެވެ. މިހަރަކާތާއި ގުޅޭގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން ހޯޕް ފޯރ ވުމަން ޖަމިއްޔާގެ ޗެއަރޕާސަން އަނީސާ އަހުމަދު ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ މިކަމާގުޅޭގޮތުން މުޖުތަމަޢު ތެރޭގައި މަޢުލޫމާތުދީ ހޭލުންތެރިކުރުވުން އިތުރުކޮށްގެންކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އަންހެނުން މިހާރަށްވުރެ ބާރުވެރިކުރުވާއި، މުޖުތަމަޢުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި ގުޅޭގޮތުން ބޭނުންތެރި މައުލޫމާތުތަކެއް އާއްމުންނަށް ދީފައިވާކަމަށެވެ."ވަން ބިލިއަން ރައިޒިން" މި ކެމްޕެއިނަކީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑުއުފުލާ، އެކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ކެމްޕެއިނެކެވެ. އެގޮތުން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ދުނިޔޭގެ އެކި ޤައުމުތަކުގައި މި ކެމްޕެއިން ކުރިއަށްގެންދެއެވެ