ވަކީލުންގެ ސުލޫކީ މައްސަލަތައް، ބާ ކައުންސިލްގެ އަމިއްލަ އިސްނެގުމުގެ މަތިންވެސް ބެލޭގޮތަށް ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި އިސްލާހު ފާސްކުރީ 58 މެންބަރުންގެެ ވޯޓާ އެކުއެވެ. މިއިސްލާހަކީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް ޢަލީ ހުށަހެޅުއްވި އިސްލާހެކެވެ. މިއަދުގެ މަޖިލީހުން ފާސްކޮށްފައި ވަނީ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެންބަރު އަޙްމަދު އުޝާމް ހަމަ އެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހަކާއި ދެ އިސްލާހު އެއްކޮށްލައިގެންނެވެ.
ޤާނޫނީ ފަންނުގެ ގާނޫނު މިހާރު އޮންނަގޮތުން އެއްވެސް ވަކީލަކު އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ، އެ މައްސަލައަކާ ސީދާ ގޮތުން ގުޅުން ހުރި ކޮންމެ ފަރާތަކަށް ނުވަތަ އެފަދަ އަމަލެއް ހިންގީ ޝަރުއީ ކޯޓެއްގެ ތެރޭގައި ނަމަ އެ ކޯޓަކުން އެ ވަކީލެއްގެ ޝަކުވާ ބާ ކައުންސިލަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. އެކަމަކު އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ހާލަތެއްގައި އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ބެލުމުގެ ބާރެއް ބާ ކައުންސިލަކަށް މިހާތަނަށް ނޯވެއެވެ.
މިއަދު މަޖިލީހުން ފާސްކުރި އިސްލާހުތަކުގައި ވަނީ ބާ ކައުންސިލަށް ލޫކީ މައްސަލަ ބެލޭ ދާއިރާތައް ފުޅާކޮށް އަމިއްލަ އިސްނެގުމުގައި ވެސް މައްސަލަ ބެލޭނެ ގޮތް ފަހިކޮށްދީފައެވެ. އެގޮތުން މިހާރު މި ގެނައި އިސްލާހާއެކު އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުމުގެ އިތުރަށް ވަކީލުންގެ މިފަދަ މައްސަލައެއް ކޮންމެ މީހަކަށް ވެސް ބާ ކައުންސިލަށް ހުށަހެޅިދާނެއެވެ.
އެކަމަކު މިގޮތަށް ހުށަހަޅާ މައްސަލަތަކާއި އަމިއްލަ އިސްނެގުމަށް މައްސަލަ ބަލަންޖެހޭނީ ވަކީލަކު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމުގެ ސަބަބުން ގާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭ ނަމައެވެ. އަދި އަސާސްތަކާއި އަދުލުއިންސާފު ގާއިމްކުރުމުގެ ހަމަތައް ނެގެހެއްޓުމަށް ވަކީލެއްގެ ހައިސިއްޔަތުން އޭނާ ތަބާވާން ޖެހޭ ހަމަތަކާއި އުސޫލުތަކާ ޚިލާފުވެފައިވާނަމަ ކަމަށްވެސް އިސްލާހުގައިވެއެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ބާ ކައުންސިލް ގާނޫނީ ގޮތުން ބާރުވެރިކުރުވާ މާލީ ހަރުދަނާކަން އިތުރުކުރާނެ ކަންކަން ވެސް ހިމަނާފައިވެއެވެ. މިހާރު އޮންނަގޮތުންނަމަ މާލީ ގޮތުން ބާ ކައުންސިލް ބާރުވެރިކުމަށް މިހާރު ގާނޫނުގައި ހިމެނެނީ ވަރަށް މަދު ކަންކަމެވެ. އެކަމަކު މި އިސްލާހާއި އެކު ޖުމްލަ ހަތް ކަމެއްގެ ތެރެއިން ފައިސާ ހޯދުމުގެ އިހްތިޔާރު ބާ ކައުންސިލަށް ލިބިދެއެވެ.
މީގެ އިތުރަށް މާލީ އޮނިގަނޑު ހަރުދަނާކުރުމަށް ވެސް ތިން އިސްލާހެއް ހިމަނާފައިވެއެވެ. އެއީ ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރިން، އެ އަހަރަކު ލިބޭނެ އާމްދަނީއާއި ކެޕިޓަލް އަދި ރިކަރަންޓް ހަރަދުތައް ވަކިން އެނގޭނެހެން ބަޖެޓު ތައްޔާރުކުރުމަށްފަހު ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ފާސްކުރުން، ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރުން އަދި ގާނޫނުގެ ދަށުން ހަދާ ގަވައިދަކާ އެއް ގޮތަށް ފައިސާ ޚަރަދުކުރުމެވެ.