ޚަބަރު

ފަޅުރަށްތައް ކުއްޔަށްދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ގާނޫނުގައި ހިމަނަނީ


އެކި ބޭނުންތަކަށް ފަޅުރަށްތައް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މިގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފަޅުރަށްރަށާ ބެހޭ ގާނޫނު އިސްލާހުކުރުމާ ބެހޭ ބިލުގެ ދިރާސާ މަރުހަލާގައެވެ. އެގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވަނީ ގާނޫނަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހަށް މަޝްވަރާކުރައްވާފައެވެ. އަދި ކޮމިޓީން މިއަދު ނިންމާފައި ވަނީ ގާނޫނުގެ 11 ވަނަ މާއްދާއަށް އިތުރު ކުރާ ބަޔަށް އަތޮޅު ކައުންސިލްތަކާ މަޝްވަރާކުރުން ހިމަނާށެވެ.

އެގޮތުން ކޮމިޓީން އިތުރުކޮށްފައި ވަނީ "މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓު ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީ އަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެ އެވެ." މިހެންނެވެ.

ފަޅުރަށްތަކާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް އިސްލާހް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. ދިވެހިރާއްޖޭގެ ފަޅުރަށްރަށް ބެހޭ ގާނޫނަށް އިޞްލާޙުގެނައުމުގެ ބިލު މިމަޖިލީހަށް ހުށަހަޅާފައިވަނީ ކުރިން ފަޅުރަށްރަށް ދިނުމާ ބެހޭ ޤާނޫނު އޮތް ގޮތުން ބައެއް ޤާނޫނީ ފުށު އެރުންތަކެއް ހުރުމުންނެވެ. އެހެން ދިމާވީ ލާމަރުކަޒީ ޤާނޫނަށް އަލަށް ގެނައި އިޞްލާޙުތަކުގެ ސަބަބުންނެވެ.

ފަޅުރަށްރަށާ ބެހޭ ޤާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާއިރު، މިއީ ރަށްރަށުގެ އިޚްތިސާސްގައި ހިމެނޭ ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާ ގޮތަށް ހުށަހެޅިފައިވާ އިސްލާހުތަކެއްކަމަށް ބިލު ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އިސްލާހުގެ ދަށުން އެ ރަށެއްގެ އިހްތިސާސްގައި ހުރި ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ ކުއްޔަށްދީ ނަފާ ހޯދުމުގެ ބާރު އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.