ރާއްޖޭގެ ގިނަ ރަށްރަށަކީ އެކި މޫސުންތަކުގައި ވޮޑެމުންދާ ރަށްރަށެވެ. ވޮޑޭ ފަސްގަނޑު ރަށުގެ ވަށައިގެން ދައުރުވަމުން ދިޔަނަމަވެސް ގިނަ ރަށްރަށުގެ މިފަސްގަނޑު ގިރައިގެން ދާ މައްސަލަވަނީ ބޮޑުވެފައެވެ. މިގޮތަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށްރަށުގެ ތެރޭގައި ނެއްލައިދޫވެސް ހިމެނެއެވެ.
އާބާދީގައި ގާތްގަނޑަކަށް 1400 އެއްހާ މީހުން ދިރިއުޅޭ ހދ.ނެއްލައިދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުއެވެ.
ރަށްގިރުމުގެ މައްސަލަ ކުރިމަތިވެ ރަށުގެ ގިނަ ބަޔަކަށް މިކަމުގެ ކަންބޮޑުވުން ކުރިމަތިވެފައިވަނިކޮށް އެމްޓީސީސީން މިމަސައްކަތް ފެށުމުން ނެއްލައިދޫ ރައްޔިތުންނަށްވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. އެމްޓީސީސީން ވިދާޅުވީ މިމަސައްކަތް މިހާރު ނިމުމާއި ގާތަށް ގޮސްފައިވާކަމަށެވެ. އެގޮތުން މަސައްކަތުގެ 93 އިންސައްތަ ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މިމަޝްރޫޢާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފް ވިދާޅުވީ އެމްޓީސީސީން ހުރިހާ މަސައްކަތެއް އަންނަ ޑިސެމްބަރު މަހަށް ނިންމުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަމަށެވެ.
32 ހެކްޓަރު އޮންނަ ނެއްލައިދޫ ގިރަމުންގޮސް މިހާރުވަނީ ރައްޔިތުން ދިރިއުޅެމުންދާ ގެތައް ހުންނަ ހިސާބަށް ފޯރާފައި ކަމަށް ކައުންސިލުން ހާމަކުރެއެވެ. އެގޮތުން 2016 ވަނަ އަހަރު އެރަށުން ދޫކޮށްފައިވާ ގޯތިތައް ހުރި ސަރަޙައްދު ގިރަމުންދިޔުމުގެ ސަބަބުން ރައްޔިތުން ތިބެނީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ކައުންސިލްގެ ރައީސް އަލީފް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ޤާއިމުކުރެވޭ ތޮއްޓާއެކު މިމައްސަލައަށް ހައްލެއް އަންނާނެކަމަށް ކައުންސިލުން ޤަބޫލުކުރެއެވެ.
ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެރަށުގައި 870 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ނިންމާފައެވެ. ދައުލަތުގެ ބަޖެޓުން 19.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢާއެކު އެސަރަޙައްދުވެގެންދާނީ އެރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ ސަރަޙައްދަކަށް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާއިރު އެރަށުގެ ބަނދަރު ފުންކޮށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީންވަނީ މިއަހަރުގެ ތެރޭގައި ނިންމާފައެވެ. މަސްވެރިރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނެއްލައިދޫއަށް ކުރިމަތިވެފައިވާ ލަފާފުރުމާއި ރަށްގިރުމުގެ މައްސަލައަށް ޙައްލެއް އައުމާއެކު އެރަށުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަކީ ކައުންސިލްގެ ބޮޑު އުއްމީދެކެވެ.