ޚަބަރު

އެސްޓީއޯ އޭދަފުށި ކަޕް: އެމްވީ ބަލިކޮށް ހުސްސޮނގުން ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި


އެސްޓީއޯ އޭދަފުށި ކަޕް 2022 ގައި އެމްވީ ޔުނައިޓެޑް ބަލިކޮށް މުބާރާތުގައި ހުސްސޮނގުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ 2-0 ންނެވެ.

ހުސްސޮނގުންގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފްގެ 56 ވަނަ މިނެޓްގައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގައުމީޓީމްގެ މިޑްފީލްޑަރ އިބްރާޙިމް ވަޙީދުގެ އެހީތެރިކަމާއެކީ މުހައްމަދު އަޖުފާންއެވެ. ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނުނު މިމެޗްގައި ހުސްސޮނގުން ޓީމްގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ލަނޑުޖެހިތާ 4 މިނެޓްފަހުންނެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ މެޗްގައި މޮޅު ކުޅުމެއްދެއްކި އިބްރާހިމް ވަޙީދު (އިއްބެ)އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އިބްރާޙިމް ވަޙީދު (އިއްބެ)އެވެ.

މިއަދުވެސް މި މުބާރާތުގެ މެޗެއް ކުޅޭނެއެވެ. ބައްދަލު ކުރާނީ ވެލާ ސްޕޯޓް ކްލަބާ ކައްކަނީ އެފްސީއެވެ. ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ޕްއިންޓް ޓޭބަލް އަށްބަލާއިރު މިހާރު އެއްވަނައިގައި އޮތީ ކުޅުނު ދެމެޗުވެސް ކާމިޔާބު ކުރި ހުސްސޮނގުންނެވެ. ދެވަނައިގައި ވެލާ ސްޕޯޓްސް ކްލަބް އޮތްއިރު ތިންވަނައިގައި އޮތީ ކައްކަނީއެފްސީއެވެ.