ދުނިޔޭގެ ވިޔަފާރި

އިގްތިސާދަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ޗައިނާގެ އާބާދީ އިތުރުކުރަނީ


ދުނިޔޭގެ 2 ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާގެ އިގްތިސާދަށް ގެއްލުން ލިބިދާނެތީ އުފަންވާ މީހުންގެ ނިސްބަތް އިތުރުކުރުމަށް ޗައިނާއިން ސިޔާސަތުތައް އެކުލަވާލާނެކަމަށް ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގައި ޖުމްލަ 1.4 ބިލިއަން މީހުން ތިބި ނަމަވެސް، މި އަހަރު އެގައުމުގެ ވިހެއުމުގެ އަދަދު ރެކޯޑް އަދަދަކަށް ވެއްޓޭނެކަމަށް ޑިމޮގްރާފަރުން ލަފާކުރެއެވެ.

ބެއިޖިންގައި ފަސް އަހަރުން އެއްފަހަރު ބާއްވާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ހުޅުވުމަށް ދެއްވި ތަގުރީރުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން ވިދާޅުވީ ވިހެއުމުގެ ނިސްބަތް އިތުރުކުރުމަށް ސިޔާސަތެއް ގާއިމްކޮށް، ޕްރޮއެކްޓިވް ގައުމީ ސްޓްރެޓެޖީއެއް ގެންގުޅޭނެކަމަށެވެ.

2021 ވަނަ އަހަރުގެ ދަރިމައިވުމުގެ ނިސްބަތް 1.16 އަށް އަރާފައިވާއިރު، އެއީ ސްޓޭބަލް އާބާދީއަކަށް 2.1 އޯއީސީޑީގެ މިންގަނޑަށް ވުރެ ދަށް އަދަދެއް ކަމަށާއި އަދި ދުނިޔޭގައި އެންމެ ދަށް ރޭޓްތަކުގެ ތެރޭގައި ހިމެނޭ ރޭޓެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އާބާދީ އިތުރުކުރުމުގެ ގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޓެކްސް އުނިކުރުމާއި، ވިހެއުމުގެ ޗުއްޓީ ދިގުކުރުމާއި، މެޑިކަލް އިންޝުއަރެންސް އިތުރުކުރުމާއި، ބޯހިޔާވަހިކަމުގެ ސަބްސިޑީއާއި، ތިންވަނަ ކުއްޖަކަށް އިތުރު ފައިސާ ދިނުންވެސް ތައާރަފްކޮށްފައެވެ. ނަމަވެސް މިހާތަނަށް މިކަމަށް މާބޮޑު ހައްލެއް ލިބިފައެއްނުވެއެވެ.

ޑިމޮގްރާފަރުން ބުނާ ގޮތުގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ފިޔަވަޅުތައް އަދިވެސް އަޅަންޖެހެއެވެ. އަދި ތައުލީމަށް ކުރާ ހަރަދުތައް ބޮޑުވުމާއި، އުޖޫރަ ކުޑަވުމާއި، މަސައްކަތުގެ ގަޑިތައް ދިގުވުމަކީ އަދިވެސް ހައްލުކުރަންޖެހޭ މައްސަލަތަކެއް ކަމަށާއި، ކޯވިޑުގެ ބަލިމަޑުކަމުގެ ސިޔާސަތުތަކާއި ޗައިނާގެ އިގްތިސާދީ ކުރިއެރުމުގެ ކަންބޮޑުވުންތައް ވެސް އެބޭފުޅުން ފާހަގަކުރައްވައެވެ.

1980 އިން 2015 ގެ ނިޔަލަށް އެއް ކުއްޖަކު ހޯދުމުގެ ސިޔާސަތު ކަމާއިބެހޭ ފަރާތްތަކުން ވަނީ ޗައިނާގައި އެކަށައަޅާފައެވެ. އޭގެފަހުން ފަހުން ތިން ކުދިން ހޯދުމުގެ ސިޔާސަތަކަށް ވަނީ ބަދަލުކޮށްފައެވެ.