ޚަބަރު

އެސްއެމްއީ ހަބުގެ ކިއޮސްކްތައް ބަލާލުމުގެ ފުރުސަތު


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބުން ކުދި ވިޔަފާރިތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްތަކުގެ ނަމޫނާ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބް ހުންނަނީ އެލައިޑް ބިލްޑިންގައި 3 ފަންގިފިލާގައެވެ. އެސްއެމްއީ ހަބްގެ މައިގަނޑު މަޤްސަދަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރި ކުރުމަށް ފަހި ފުރުސަތެއް ހޯދަދިނުންކަމަށެވެ.

3 ފަންގިލާ ހިމެނޭގޮތަށް ތަރައްޤީކުރެވޭ މިހަބް ތަރައްޤީކުރަނީ މޯލްއެއްގެ ގޮތަށެވެ. އެންމެ ފުރަތަމަ ފަންގިފިލާ ޙާއްސަކުރެވިފައި ވަނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ. ޕޭސްޓްރީޒް، ކޭކު ފަދަ ތަކެތި ގޭގައި ތައްޔާރުކުރާ ފަރާތްތަކަށް މިހަބުން ކިއޮސްކެއް ބައްލަވައިގަނެގެން އެފަރާތަތްކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށް ބީސީސީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވަނީ އެސްއެމްއީ ހަބްގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައިފައެވެ.

"ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވަނީ އައުޓްލެޓެއް ހުޅުވަން. އެހެންވީމަ ގޭތެރޭގަ މިމަސައްކަތް ކުރާ ފަރާޓްތަކަށް ގިނަ ލާރި ތަކެއް ޙާރަދުކޮށްގެން އައުޓްލެޓެއް ފެށުމުގެ ކުރިން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ." ސާމިހް ވިދާޅުވިއެވެ.

މިމަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު 2:00 އިން 5:00 އަށް މިކިއޮސްކްތަކުގެ ނަމޫނާ ބަލާލުމުގެ ފުރުސަތުތައް ވަނީ ހުޅުވާލެފިވާކަމަށް ސާމިހް ވިދާޅުވިއެވެ. އަދި ކިއޮސްކްތަކަށް ކުރިމަތިލުމަށް ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިކަމަށްވެސް ސާމިހް ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. ބީސީސީގެ ދަށުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވައި މި ފިހާރަތަކުންވެސް އަންނަނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކަމުންނެވެ.