ޚަބަރު

ވަކިފަރުދުންނަށް ދަނޑުވެރިކަންކުރުމަށް ދޫކުރާ ލޯނު ވަނީ 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައި: ރައީސް


ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި، ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއަހައި، ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްދެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ


ދަނޑުވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ކާށިދޫގައި މިހާރު ދަނޑުވެރިކަން ކުރަނީ ހަމައެކަނި އެރަށުގެ ރައްޔިތުން އެކަނި ނޫންކަމަށެވެ.

ރާއްޖޭގެ ބައެއް އެހެން ރަށްރަށުގެ ދަނޑުވެރިންވެސް މިހާރު އެރަށުގައި އިންވެސްޓް ކުރަމުން އަންނަތަން ފެންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުން އެނގެނީ ކާށިދޫގައި ދަނޑުވެރިކަމަށް ފަހި މުސްތަޤްބަލެއް އެބައޮތް ކަންކަމަށެވެ.

ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރާނެގޮތުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ތަފާތު ފޯރަމްތައް ސަރުކާރުން ބާއްވާފައިވާކަމަށާއި، ދަނޑުވެރިންގެ ފަރާތުން ފާހަގަކުރެވުނު އެންމެ ބޮޑު އެއް ޝަކުވާއަކީ ދަނޑުވެރިކަމަށް ދިގު މުއްދަތަކަށް އިންވެސްޓް ކުރަން އެކަށީގެންވާ ބޮޑުމިނުގެ ބިން ނުލިބުމުގެ ޝަކުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރިއިރު، ދަނޑުވެރިންގެ އެންމެބޮޑު އެއް ކަންބޮޑުވުމަކަށް އޮތީ، ސަރުކާރުން ދަނޑުވެރިކަމަށް ދޫކުރާ ލުއި ލޯނުގެ މިންވަރު ކުޑަވުންކަމަށާ، އަނެއް ކަންބޮޑުވުމަކީ، އަމިއްލަ ފަރުދުންނާއި ކުންފުނިތަކާމެދު ހުރި ފަރަގުގެ ސަބަބުން، ލޯނު ހޯދުމުގައި ކުރިމަތިވާ ދަތިތައްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ޝަކުވާތައް ސަރުކާރުން އަޑު އަހައި، އެކަމަށް މިހާރު ވާނީ އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު އަމިއްލަ ފަރުދުންނަށްވެސް 2 މިލިޔަން ރުފިޔާއާ ހަމަޔަށް ލޯނު ހޯދުމުގެ ފުރުޞަތު އޮންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެގްރޯ ކުންފުންނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 715 ދަނޑުވެރިއަކާ އެކު އެއްބަސްވުން ޤާއިމްކޮށް، އެމީހުން އުފައްދާ ބާވަތްތައް ގަނެ ބާޒާރަށް ނެރެމުން އަންނަކަމަށެވެ. ނަމަވެސް މިއީ މުޅި މައްސަލައިގެ ޙައްލެއް ނޫންކަމަށާއި، އަދިވެސް ވަރަށް ގިނަ ކަންތައް ކުރަން އެބަހުރިކަމަށާއި، ބައެއްކަންކަން މިހާރު ކުރަމުން އަންނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ސަމާލުކަން ދޭންޖެހޭ އަނެއް ސަބަބަކީ، ދުނިޔެއަށް އަންނަމުންދާ އެކި ލޮޅުންތައްކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ދުވަސްވަރަށް ޞިއްޙީ ކާރިޘާއެއް ކުރިމަތިވެދާނެކަމަށާ، އެހެން ނޫނީ، އަސްކަރީ ކުރިމަތިލުމެއް ނުވަތަ ހަނގުރާމައެއް ފެށިދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ފުޑް ސެކިއުރިޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޯވިޑް-19ގެ ބަލިމަޑުކަންކަމަށާއި، ނަމަވެސް މިއަދު އޮތް ހުރަހަކީ ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ ކޮންމެ ލޮޅުމަކާއެކު، ކާނާގެ ރައްކާތެރިކަމަށް އެތައް ހުރަސްތަކަކާއި ދަތިތަކެއް ކުރިމަތިވާކަމަށާއި، މިއީ ސީރިއަސް ގޮތެއްގައި ވިސްނައި ދުރާލައި ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔެ ވަރަށް ބޮޑަށް ކުރިއަރައި ތަރައްޤީވެ، އިމްޕޯޓް އެކްސްޕޯޓް ފުޅާވެ، އަވަސްވެފައި ވިޔަސް، އެކަށީގެންވާ ވަރަށް ކާޑުގެ ބާވަތްތަކާއި ކާނާ ލިބޭނެކަމުގެ ޔަޤީންކަން އެއްވެސް ޤައުމަކަށް މިހާރަކު ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެ ޔަޤީންކަން މާބޮޑަށްވެސް ކުޑަކަމަށާ، އެކަމުގެ ޙައްލަކީ ދަނޑުވެރިކަން ވަރަށްބޮޑަށް ފުޅާކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް ރާއްޖެއަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ ދަނޑުވެރިކަން ފުޅާކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.