ޚަބަރު

ކާށިދޫން ރައީސަށް ހޫނު މަރުޙަބާއެއް!


މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެއަތޮޅު ކާށިދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ ރައީސުލްޖުމްހޫރިއްޔާއާ ސަލާމް ކޮށްފައެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާނެ ރަށަކީ ކ. ކާށިދޫކަމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖެއްސެވީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ކާށިދޫޢަށް ކުރައްވާ ދަތުރުފުޅުގައި ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ.އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެއެވެ. އަދި، ޖަލްސާއަށް ފަހުގައި އޮންނަ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން ކ.އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެއެވެ.

މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ކާށިދޫގައި ފާހަގަކުރާއިރު، އެރަށަކީ ރާއްޖޭ ނިސްބަތުން ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި 819 މީހަކު ދަނޑުވެރިންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވެއެވެ.

ދަނޑުވެރިންގެ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދަކީ ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރަން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތް، ރާއްޖޭގެ އިގުތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމެވެ.

ކޮންމެ އަހަރަކުވެސް ޤައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް އަންނަނަީ ފާހަގަކުރަމުންނެވެ.