ޚަބަރު

ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރުމުން ބޭނުންނުކުރަން އަންގައިފި


ލޮލަށް އަޅާ ބޭހެއްގައި ޑިފެކްޓެއް ހުރި ކަމަށް ބުނެ އެ ބޭސް ބޭނުންނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބޭނުންކުރުން މަނާކޮށްފައި ވަނީ އެލަރސިން އައި ޑްރޮޕް އެވެ. އެ އޮތޯރިޓީން ބުނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ޑުއޯފަރމާ އިން އުފައްދާ އެ ބޭހުގެ ބައެއް ބެޗުތަކުގައި ޑިފެކްޓެއް ހުރި ކަމަށް އެ ގައުމުގެ ނެޝަނަލް ފާމަސޫޓިކަލް ރެގިއުލެޓަރީ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ. އެގޮތުން ޑިފެކްޓް ހުރީ 3 ބެޗެއްގައި ކަމަށާއި، އެއީ ބެޗު ނަމްބަރު 193033، 200827، އަދި 200230 ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެ ބޭހަކީ ރާއްޖެ އެތެރެކޮށް ވިއްކުން ހުއްދަކުރާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭހެއް ކަމަށްވާއިރު، އޭގައި މައްސަލަ ދިމާވެފައިވާ ތިން ބެޗުގެ ތެރެއިން ދެ ބެޗެއް ރާއްޖެއަށް އެތެރެކޮށް ވިއްކާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އެހެންވެ މިހާރު އެ ބޭސް ރަޖިސްޓްރީކޮށްފައިވާ ފަރާތާއި ގުޅިގެން މާކެޓުން އެ ނަގަމުން އަންނަ ކަމަށާއި، ބޭސް ބޭނުންކުރާ ފަރާތްތަކުން ވެސް ބެޗު ނަމްބަރު ބަލައި ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް އެތެރެކުރާއިރު ޕޯޓުތަކުން ޚާއްސަ ސަމާލުކަމެއް ދެމުން އަންނާނެ ކަމަށެވެ.