ކުޅިވަރު

ރިސޯޓް ލީގު: ސެމީގެ ފުރަތަމަ މެޗުގައި ފޯ ސީޒަންސް އާއި ސޮނޭވާ ފުށި


ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ކުރިޔަށްދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ބ. އަތޮޅު ޒޯނުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.

ޖުމްލަ ހަތް ޓީމާއެކު ކުރިޔަށްދާ ބ. އަތޮޅު މުބާރާތުގެ ގްރޫޕް އޭ އިން ސެމީފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވީ މި ގްރޫޕުގެ ފަހު މެޗުތަކަށްފަހު އެވެ. އެގޮތުން ގްރޫޕު ފިޔަވަހީގެ ފަހު މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު އަނަންތަރަ ކިހަވަށް ވިލާސް ކާމިޔާބުކުރީ ރީތި ބީޗު އަތުން 5-1 އިންނެވެ. އަދި ފަހު މެޗު ނޮޓިލަސް ކާމިޔާބުކުރީ މުބާރާތް ބާއްވާ ފޯ ސީޒަންސް ލަނޑާ ގިރާވަރު 2-1 އިން ބަލިކޮށްގެންނެވެ.

މި މެޗުތަކާއެކު ގްރޫޕް އޭ ގެ އެއްވަނައިގައި ފޯ ސީޒަންސް ލަނޑާ ގިރާވަރު އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ނޮޓިލަސް އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އަނަންތަރަ ކިހަވަށް ވިލާސް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު އެވެ. އަދި ފުލުގައި ރީތި ބީޗު އޮތީ ތިން މެޗުން އެއް ޕޮއިންޓާއެކު އެވެ. މި ގްރޫޕުން ކެޓީ އަނަންތަރަ އާއި ރީތި ބީޗެވެ.

ގްރޫޕް ބީ ގެ އެއްވަނައިގައި އޮތީ މިލައިދޫ އެވެ. އެއީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ސޮނޭވާފުށި އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި އޮވެ ވައްކަރު މުބާރާތާ އަލްވަދާއު ކީ އެއް ޕޮއިންޓާއެކު އެވެ.

މި ނަތީޖާއާއެކު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ހޯދި ފޯ ސީޒަންސް ލަނޑާ ގިރާވަރާއި ނޮކައުޓް މެޗު ކާމިޔާބުކޮށް ގްރޫޕް ބީ ގެ ދެވަނަ ހޯދި ސޮނޭވާފުއްޓެވެ. ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ އެއްވަނަ ހޯދި މިލައިދޫ އާއި ގްރޫޕް އޭގެ ދެވަނަ ހޯދި ނޮޓިލަސް އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް މިހާރު ތާވަލުކޮށްފައި ވަނީ އަންނަ ބުދަ ދުވަހުގައެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބ. އަތޮޅުގައި މި މުބާރާތް ކުރިޔަށްދަނީ ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

މި ޒޯނުގައި މިހާތަަނަށް ތިން ފަހަރެއްގެ މަތިން ރިސޯޓް ލީގު ވަނީ ބާއްވާފައެވެ. އެއީ 2014، 2016 އަދި 2019 ގައެވެ. އެ ތިން ފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނޭވާ ފުއްޓެވެ.