ޚަބަރު

ޙުކުމް ކުރުމުގެ މަޖިލިސް ނުބާއްވައިގެން މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ


ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭ މުއްދަތުގައި ނުބާއްވައިގެން މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މައްސަލަ ބަލަން ނިންމާފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ މައްސަލައެކެވެ. އޭނާއާއި ގުޅޭގޮތުން ބަލަން ނިންމާފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާޢީ މައްސަލައެއްގައި ޚުލާސާ ބަޔާން އިއްވުމަށްފަހު، ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަންޖެހޭކަމަށް ޤާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ޙުކުމް ކޮށްފައިނުވާ މައްސަލައެވެ.

މި މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާ، މި މައްސަލަ ތަޙްޤީޤުކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.