ކުޅިވަރު

އެވަޓަން ބަލިކޮށް ސްޕާސްއިން ސިޓީއާ އަރާ ހަމަކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ޓޮޓްނަމް ހޮޓްސްޕާއިން ކާމިޔާބުކޮށްފިއެވެ.

ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕަރސްއިންނެވެ. މިއާއެކުވެސް އެވަޓަން އިން ވަނީ ސްޕަރސްއަށް ލަނޑެއް ކާމިޔާބު ކުރެވިޔަ ނުދީ ފުރަތަމަ ހާފް ހިފަހައްޓާލާފައެވެ.

މި މެޗްގައި ސްޕަރސްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭންއެވެ. މިއީ އޭނާ ސްޕަރސްއަށް ކުޅުނު ހަތަރު ސަތޭކަ ވަނަ މެޗެވެ. އަދި ދެވަނަ ލަނޑު މެޗްގެ ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ޕިއޭ އެމީލް ހޮއިބަރގް އެވެ. މި މެޗްގައި އެވަޓަންއަށް ލަނޑެއް ކާމިޔާބު ނުކުރެވުުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އެޓީމަށް ލިބިގެންދިޔައެވެ.

މި ކާމިޔާބީއާއެކު ސްޕަރސް މިހާރުވަނީ ދެވަނާގައި އުޅޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރެވިފައެވެ. އެއީ މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކުއެވެ. އަދި އެވަޓަން މިހާރު އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.