ޚަބަރު

ޝިޢާއުގެ މަރު: ހެކި އެބަހުރި، ބޭނުމީ އެވަރު އަނިޔާއެއް ދިން މަޤްސަދު ހޯދަން


މާލޭގައި ރަޙުމުކުޑަ ގޮތަކަށް މަރާލާފައިވާ ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ޢަލީ ޝާހިލްގެ މައްޗަށް ދައުވާކުރަން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ފޮނުވާނެ ކަމަށާއި، އެ މައްސަލާގައި އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ އޯގަސްޓު މަހުގެ 7ވަނަ ދުވަހު ހ.ޝީރީންވިލާގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދުގެ މަރުގެ މައްސަލާގައި ޝާހިލް ހައްޔަރު ކުރީ ސީދާ ކްރައިމް ސީނުންނެވެ. މަރާލުމަށްފަހު ޝިޢާއުގެ ހަށިގަނޑު ކޮށާލާފައި އޮއްވައި ފެނުނުއިރު ފުލުހުން ވިދާޅުވިގޮތުގައި އޭރު އެތަނުން ޝާހިލް އެކަމަށް ބޭނުންކުރި އާލާތްތައް ވެސް ވަނީ ފެނިފައެވެ.

މި މައްސަލާގެ ތަފްސީލް ހާމަކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މިމައްސަލާގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ. މިކަމުގެ އިތުރުތަފްސީލް ހާމަކުރައްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މި މައްސަލާގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ އޭނާގެ މައްޗަށް ކުރެވޭ ވަރަށް، ސަބަބުތައް އެބަހުރި ކަމަށާ، އެކުށް އޭނާގެ މައްޗަށް ސާބިތު ކުރެވޭ ވަރަށް ހެކިވެސް އެބަހުރި ކަމަށެވެ.

"މި މައްސަލާގައި ދައުވާ އުފުލައި ސާހިލްގެ މައްޗަށް ކުށް ސާބިތުކުރެވޭވަރަށް ހެކި ލިބިފައި ވިޔަސް އަޅުގަނޑުމެން ތަހުގީގު އެއްކޮށް ފުރިހަމަކުރުމުގެ ކުރީގައި ވަރަށްބޮޑަށް މަސައްކަތްކުރަމުންދާ ކަމެއް، މޯޓިވްއަކީ ކޮބާކަން ދެނެގަތުން އެއީ. ހަމައެކަނި ކުށް ސާބިތުކުރުމުގެ އިތުރަށް އަޅުގަނޑުމެން ބޭނުންވޭ ތަހުގީގު ނިމޭ އިރުގަ އެނގެން، މީގަ މޯޓިވް އަކީ ކޮބާކަން." ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޝިއާއު މަރާލާފައިވަނީ ކީއްވެގެންކަން ގަބޫލުކުރެވޭ ސަބަބު މިހާރު ހޯދިފައިވާ ކަމަށެވެ. އެކަމަކު ހަމައެކަނި ގަބޫލުކުރެވޭ ކަމެއްގެ މައްޗަށް ބިނާކޮށް މައްސަލަ ޝަރީއަތަށް ނުފޮނުވޭނެތީ އިތުރު ހެކި ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"ފޯނުގެ އެކްސްޓްރެކްޝަން ޑޭޓާތައް ފެށޭ ހަފުތާގެ ކުރީކޮޅު ލިބޭނެކަމަށް މި ގަބޫލު ކުރަނީ. އެ ލިބޭ ހިސާބުން މޯޓިވް އައިޑެންޓިފައި ކުރަން އިތުރު ހެކިތަކެއް ލިބިގެންދާނެކަމަށް މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެބަ ގަބޫލު ކުރެވޭ." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ވިދާޅުވިއެވެ.

މިއަދު ފުލުހުން ވިދާޅުވީ މައްސަލާގައި އެކަށީގެންވާ ވަރަށް ޝާހިލްގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. އެގޮތުން މި މައްސަލައާ ސީދާ ގުޅުން ނެތް ހުރިހާ ކަމެއްގައި ވެސް ޝާހިލް ފުލުހުންނާ މުއާމަލާތްކުރަމުން އަންނަ އިރު، މައްސަލައާ ގުޅޭ ވާހަކަތައް ދެއްކުމާ އޭނާ ދެކޮޅު ކަމަށް ފުލިހުން ވިދާޅުވެއެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން ވެސް އޭނާ ފޯނުގެ ޕާސްވޯޑު ދިނުމަށް ދެކޮޅު ހަދާފައިވާއިރު، ފޯނު ހުޅުވީވެސް ފުލުހުން ބުނިގޮތުގައި ފުލުހުންގެ ފޮރެންސިކްގެ ބޭފުޅުންނާއި ބޭރުގެ ބައެއްގެ އެހީތެރިކަމާއެކުއެވެ.

މިއީ ރާވައިގެން ހިންގި ކަމެއްކަމަށް ނުބެލެވޭ

މި މައްސަލާގައި ފުލުހުން މިހާތަނަށް ބެލި ބެލުމުން މިކަމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން އަދި ތަހުގީގަށް އެނގިފައި ނުވާ ކަމަށާ، މިއީ ކުރިން ރޭވިގެން ހިންގާފައިވާ އަމަލެއް ކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

"މުޅި އިންސިޑެންޓް ބަލާ ބެލުމުން މުޅި ޓީމަށް ވެސް ގަބޫލުކުރެވޭ އެބަ ޕްލޭންޑް ކަމަކަށް ވުމަށް ވުރެ މިއީ ސަޑަން ކަމެކޭ. ސީދާ މިހެންނޭ މިކަން ހިނގީ ބުނަން އުނދަގޫ އެކަމަކު އެންމެ ލައިކްލީ ގޮތަކީ ކުއްލިއަކަށް ދިމާވި ކަމެކޭ މިއީ. ޕްލޭންޑް ކަމެއް ނަމަ ފަހަތުގަ ހުންނަން ޖެހޭނެ ވަރަށް ގިނަ ކަންކަން އެކަހަލަ އެއްވެސް ކަމެއް ފާހަގައެއް ނުވޭ." ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވި ނަމަވެސް، މި މައްސަލަ ފެންމަތިވުމާއެކު ޝާހިލްގެ ބައެއް އެކުވެރިންނާއި އޭނާގެ އާއިލީ މޭމްބަރުންނާ ހަވާލާދީ ވެސް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި ޝާހިލްއަކީ ރުޅި ގަދަ މީހެކެވެ. އަދި ރުޅީގައި މީހުންނަށް އަނިޔާ ދިނުމާއި، ޒުވާބުކުރުން ފަދަ ކަންކަމުގެ ހިސްޓްރީ އެއް ޝާހިލްގެ އޮންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.


މީގެ ކުރިން ވެސް މި މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހާދިސާ ހިނގައިދިޔައިރު ޝާހިލް މަސްތުގެ ހާލަތުގައި ހުރިކަމަށް ވިދާޅުވެފައެވެ. އެކަމަކު އެއާގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. މިއަދު ފުލުހުން ވިދާޅުވީ އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރިތޯ ޔަޤީންކުރުމަށް އެސެސްމަންޓުތަކެއް ހަދާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އޭނާގެފަރާތުން ނަފްސާނީ މައްސަލައެއް ހުރިކަމަށް ފާހަގަނުކުރެވޭކަމަށެވެ.

މި މައްސަލާގައި މިހާތަނަށް 45އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް، މައްސަލައާ ގުޅުން ހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފޮރެންސިކް ތަހުލީލަށް ބޭނުންވާ އެކިއެކި ޑިޖިޓަލް ވަސީލަތްތަކުގެ މައުލޫމާތު ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށާއި، މި މައްސަލާގެ ތަހުގީގު ހިންގަމުން ދަނީ ޕީޖީ އޮފީހާވެސް ގުޅިގެން ކަމަށް ވިދާޅުވެއެވެ.