ޚަބަރު

ލޯންޗު ބަންޑުންޖަހާލި ޙާދިސާގެ ބައެއް ކަންކަމަށް ފުލުހުންގެ ޝައްކު!


މިމަހުގެ 5ވަނަ ދުވަހު އއ.މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު މިންހާޖު ގެއްލުނު ޙާދިސާގައި އޭނާއާއި އިތުރު މީހަކު ކުރަމުންދިޔަ ދަތުރާ ބެހޭގޮތުން ލިބިފައިވަނީ ސައްޙަ މަޢުލޫމާތެއް ނޫންކަމަށާ، އެކަން އިތުރަށް ބަލައި ތަހްގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ބަންޑުން ޖަހާލި ލޯންޗުގައި ދަތުރުކުރަމުން ދިޔައީ ސ.ހިތަދޫ، ޢުމުރުން 28 އަހަރުގެ މުހައްމަދު މިންހާޖާއި ޅ.ހިންނަވަރު، އަލީ އަހުމަދެވެ. އެ ހާދިސާގައި ދެމީހުންގެ ތެރެއިން މިންހާޖް ވަނީ ގެއްލިފައެވެ. އަލީ ފެނުނީ އއ.ފެރިދޫގެ ފުއްޓަރާ ދިމާއިންނެވެ. އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

30 މީހުންގެ ޖާގައިގެ އެ ލޯންޗުގައި މިދެމީހުން މާލެއިން ފުރިކަމަށް ވަނީ، މި މަހުގެ 6ވަނަ ދުވަހުގެ މެންދުރު ފަހު 1 ޖެހިއިރުއެވެ. ލޯންޗު ބަޑުންޖަހާލާފައި އޮއްވާ ފެނުނީ ޖެހިގެން އައި ހުކުރު ދުވަހު އއ. މާޅޮހު ކައިރިންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ލޯންޗު ބަންޑުން ޖަހާލި ޙާދިސާގައި ކުރި ދަތުރާ ގުޅޭގޮތުން މިޙާދިސާގައި ސަލާމަތްވެ އއ.ފެރިދޫއަށް އެރި ޢަލީ އަޙްމަދު ދައްކާފައިވާ ވާހަކަތަކުގައި ސުވާލު އުފެދޭކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި މިމައްސަލައިގައި ޝައްކުކުރެވޭ ބައެއްކަންކަން ހުރުމާއެކު އެކަންކަން ދެނެގަތުމަށް އިތުރަށް ތަޙުގީގުކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

"އަލީ އަހުމަދާއި (އޭނާގެ ފާރުން) އަދި ފުލުހުންނަށް އެކި ގޮތްގޮތަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމީހުންގެ އެ ދަތުރާ ގުޅިގެން، އަލީ އަހުމަދުގެ ފަރާތުން ލިބެމުންދަނީ މުޅިން ސައްހަ މައުލޫމާތު ކަމަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ. އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ އެކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުން" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ލޯންޗުގައި ދިޔައީ މަސް ބާނަން ކަމަށް އަލީ މައުލޫމާތު ދިން ނަމަވެސް އެކަމުގައި ޝައްކު ވަނީ އޭގެ ޖީޕީއެސް އާއި އެހެނިހެން ގޮތްގޮތަށް ލިބިފައިވާ މައުލޫމަތުތަކުގެ ސަބަބުންނެވެ. އެކަމަކު އެ ދަތުރުކޮށްފައިވާ ސީދާ ރޫޓު ޖީޕީއެސް އަށް ވެސް ނެގިފައިނުވާކަމަށް ވިދާޅުވިއެވެ.

"އަލީ އަހުމަދު ބުނެފައި ވަނީ މަހަށް ނިކުމެ އުޅެނިކޮށް ލޯންޗުގެ އިންޖީނު ހުއްޓުނީ ކަމަށް. އަދި ކަނޑުގަދަވެގެން ލޯންޗު ބަންޑުން ޖަހާލީ ކަމަށް. އަދި އޭނާއާއެކު އުޅުނު މީހާ ވެސް ކަނޑުގައި ރޭގަނޑު އުޅުނުކަމަށް، އެކަމަކު ހެނދުނުވިއިރު ކައިރީގައި ފެންނަން ނެތް ކަމަށް،" ބަޝީރު ވިދާޅުވިއެވެ.

މި ކަމުގައި ޝާމިލްވާ ދެމީހުންނާ ގުޅިގެން ނސްވެރިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ ލޯންޗުގައި ދަތުރުކުރި ދެ މީހުންގެ މަސްތުވާތަކެތީގެ ރިކޯޑު އޮތް ނަމަވެސް، އެ މީހުން ކުރި ދަތުރުކުރީ މަސްތުވާތަކެއްޗާ ގުޅުން އޮތް ދަތުރެއްކަން ކަނޑައަޅަން އަދި އުނދަގޫ ކަމަށެވެ. އެގޮތުން އެ ލޯންޗުގައި ދަތުރަށް ބޭނުންވާ ވަރަށްވުރެ ދެގުނައަށް ވުރެވެސް އިތުރަށް ތެޔޮ ހުރިކަމަށާ، ނަމަވެސް އެ ލޯންޗުން މަސްތުވާތަކެތި ފަދަ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިންހާޖު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ގުޅިިގެން 78 ގަޑި އިރުވަންދެން ކޮށްފައިވެއެވެ. އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓުގައާއި ކޯސްޓްގާޑްގެ ލޯންޗުން ވެސް ބޮޑު ސަރަހައްދެއް ބަލާފައިވެއެވެ. އެހެންނަމަވެސް މިހާތަނަށް އޭނާގެ ހިލަމެއް ނުވެއެވެ.