ޚަބަރު

ހަނގުރާމައިގައި ރަޝިޔާއިން އަމަލުކުރަނީ ރަނގަޅަށް: ޕުޓިން


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި އެ ޤައުމުގެ ސިފައިން އަމަލު ކުރަމުން ދަނީ ރަނގަޅަށް ކަމަށާއި، މި ހަނގުރާމައިގެ އަމާޒަކީ ޔޫކްރެއިން ސުންނާފަތިކޮށްލުން ނޫން ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ. ކަޒަޚްސްތާނުގައި ބޭއްވި ސަމިޓަކަށް ފަހު ޕުޓިން މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، ހަނގުރާމައިގައި ކާމިޔާބީ ލިބޭނެ ކަމަށް ޔޫކްރެއިނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

"މިއަދު މި ހިނގަނީ ހިތަށް ފަސޭހަ ކަންކަމެއް ނޫން. ނަމަވެސް، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ނުފެށި ނަމަ، ރަޝިޔާ ރައްޔިތުން ދިރިއުޅޭނީ އަދަށްވުރެ ދަތި ހާލަތެއްގައި. އެހެންވެ ބުނެވޭނީ ރަޝިޔާ ސިފައިން އަމަލު ކުރަނީ ރަނގަޅަށޭ،" ހަނގުރާމަ ދިފާޢު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ، ރަޝިޔާއާއި ޔޫކްރެއިނުގެ ދެކުނުގައިވާ ކްރައިމިޔާ ގުޅައިދޭ މައި ބުރިޖަށް ދިން ހަމަލާއެއްގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ، އެ ކަމާ ވެސް ނުރުހުން ފާޅު ކުރައްވާފައެވެ. ކްރައިމިޔާއަކީ 2014ވަނަ އަހަރު ރަޝިޔާއިން އަރައި ހިފާފައިވާ ޔޫކްރެއިނުގެ ސަރަޙައްދެކެވެ.

ހަނގުރާމައިގެ ތެރެއިން ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއް ރަޝިޔާއިން ހިފާފައި ވީ ނަމަވެސް، ޔޫކްރެއިނުގެ ފައުޖުތަކުން ދަނީ އެ ތަންތަން މިނިވަން ކުރަން ހަނގުރާމަ ކުރަމުންނެވެ. އަދި، ކުރިއެރުންތަކެއް ހޯދަމުންނެވެ. އޭގެ ތެރެއިން ޚާރްސަންއަށް ޔޫކްރެއިނުގެ ފައުޖުތަކުން ދެމުންދާ ހަމަލާތަކާ ގުޅިގެން ރަޝިޔާއިން ވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގާފައެވެ. ބުރިޖު އަލުން މަރާމާތު ކުރަން އެތައް މަހެއް ހޭދަވާނެ ކަމުގައި ޕުޓިން ވިދާޅުވިއެވެ.

ބުރިޖަށް އަމާޒުކޮށް ދީފައި ވަނީ ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައި ޕުޓިން ސިފަ ކުރައްވައެވެ. އެ ހަމަލާއާ ގުޅިގެން ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން އެހެން މައި ރަށްތަކަށް ވެސް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި ޢާންމުންގެ 20އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ނަމަވެސް، އެ ހަމަލާތައް އިތުރަށް ކުރިއަށް ގެންދިޔުމުގެ ބޭނުމެއް މި ވަގުތަށް ނެތް ކަމުގައި ޕުޓިން ވިދާޅުވިއެވެ.

2023 ޖުލައި 1ގެ ކުރިން ބުރިޖު މަރާމާތު ކުރުމުގެ މަސައްކަތް ނިންމުމަށް ރަޝިޔާގެ ކެބިނެޓުން ވަނީ އަންގާފައެވެ. މި ތާރީޚުން ހާމަވަނީ ހަމަލާގައި ބުރިޖަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމެވެ. ހަމަލާގެ ފަހަތުގައި ވަނީ ޔޫކްރެއިނުގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސް ސިފައިން ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ.

އޮކްޓޫބަރު މަހުގެ 14ވަނަ ދުވަހަކީ ޔޫކްރެއިނުގެ ދިފާޢުގައި ހަނގުރާމަ ކޮށްފައިވާ މީހުންގެ ހަނދާނުގައި ފާހަގަ ކުރާ ޤައުމީ ދުވަހެކެވެ. އެ ދުވަހާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ އެ ޤައުމުގެ ދިފާޢުގައި ހަނގުރާމަ ކުރުމުގައި މަރުވި ސިފައިންގެ ހަނދާން އައު ކުރައްވާފައެވެ. އަދި، މިހާރު ވެސް ހަނގުރާމަ ކުރަމުންދާ ސިފައިންނާއި ޢާންމުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

"އެ އެންމެންނަށް ވެސް ޝުކުރު ހައްޤު. ޔޫކްރެއިނުން ކުރިން ވެސް ވަނީ ކާމިޔާބީ ހޯދާފައި. ދެން ވެސް ކާމިޔާބު ވާނެ. މުޅި ދުނިޔެ އޮތީ ޔޫކްރެއިނާ އެކު. މިއީ ތާރީޚުގައި ވެސް ޔޫކްރެއިނުގެ އަސްކަރިއްޔާ އެންމެ ބާރުގަދަ ދުވަސްވަރު،" ޒެލެންސްކީ ވިދާޅުވިއެވެ.
ހަނގުރާމައިގައި ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަން ސަރަޙައްދު މިނިވަން ކުރުމުގައި ޔޫކްރެއިނުގެ ސިފައިން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި، އެ ސަރަޙައްދުގެ ވެރިރަށް މިނިވަން ކުރުމާ ގާތްވެފައިވާ ކަމުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެއެވެ. އެ ސަރަޙައްދުގެ ވެރިރަށަށް ވެސް ކިޔަނީ ޚާރްސަންއެވެ.

ނަމަވެސް، ޔޫކްރެއިނުގެ އިރުމަތީގައިވާ ރަށެއް ކަމުގައިވާ ބަޚްމުތް ހިފުމަށް ރަޝިޔާ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ، ސިނާޢީ މަސައްކަތްތައް ކުރާ ހިސާބެކެވެ. ދާދި ފަހުން ރަޝިޔާ ސިފައިން ވަނީ ބަޚްމުތު ކައިރީގައިވާ ދެ އަވަށެއްގެ ކޮންޓްރޯލް ނަގާފައެވެ.

ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާ ސިފައިން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުންދާ ކަމުގައި އ.ދ.އިން ވަނީ ތުހުމަތު ކޮށްފައެވެ. އ.ދ.ގެ މަންދޫބެއް ކަމުގައިވާ ޕްރެމީލާ ޕެޓެން ވިދާޅުވީ، ޔޫކްރެއިނުގެ އަންހެނުންގެ އިންސާނިއްޔަތުކަން ނަގައިލަން ރަޝިޔާ ސިފައިން މަސައްކަތް ކުރަމުންދާ ކަމުގައެވެ.