ދުނިޔެ

ޙަމަލާތައް މެދުކަނޑާލަން ތައްޔާރު- ރަޝިޔާ


ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ޙަމަލާތައް ދިނުން ވަގުތީގޮތުން މެދުކަނޑާލުމާ ގުޅޭގޮތުން މަޝްވަރާކުރަން ތައްޔާރަށް އޮތްކަން ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ގެނާޑީ ގަޓިލޯފް ވިދާޅުވީ ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ގްރޫޕުން މިޔުނިކްގައި ބާއްވާ ބައްދަލުވުމުގައި މިކަމާބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ގްރޫޕްގައި ސަތާރަ ޤައުމާއި ބައިނަލްއަގްވާމީ ތިން ޖަމްޢިއްޔާއެއް ހިމެނޭއިރު މީގެތެރޭގައި އެމެރިކާއާއި ރަޝިޔާ ހިމެނެއެވެ. ސޫރިޔާ ސިފައިން ޙަލަބްގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނަށް ބޭނުންވާ ވައިގެ އެހީތެރިކަން ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. ރަޝިޔާގެ ވައިގެ ޙަމަލާތަކުން ސޫރިޔާގެ ޢާންމުންގެ އެތަށްބަޔަކު މަރުވަމުންދާތީ އެޙަމަލާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނާ އަދި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ރަޝިޔާ ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.