އެމެރިކާގެ އުތުރު ކޮރެލައިނާ ސްޓޭޓްގެ ވެރިރަށް ރެލީގައި ބަޑިޖަހައި ދިން ހަމަލާތަކެއްގައި ފަސް މީހުން މަރައިލައިފިއެވެ. މި ހަމަލާ ދީފައި ވަނީ ޢާންމުކޮށް ގިނަ އަދަދެއްގެ ބަޔަކު ހިނގައިލަން ގޮސް އުޅޭ ނުއޭސް ރިވަރ ގްރީންވޭ ކިޔާ ސަރަޙައްދެއްގައެވެ.
މި ހާދިސާގައި ފުލުހުންގެ އޮފިސަރެއް ވެސް މަރުވި ކަމުގައި ރެލީގެ މޭޔަރު މޭރީ-އޭން ބޯލްޑްވިން ވިދާޅުވިއެވެ. އަދި، މި ހަމަލާގައި ޒަޚަމުވި ފުލުހުންގެ އިތުރު އޮފިސަރަކަށް ފަރުވާ ދެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ހަތިޔާރު އެޅި މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ބަޑި ޖެހުމުގެ ހާދިސާތަކަކީ އެމެރިކާގައި ވަރަށް ޢާންމުވެފައިވާ ކަމެކެވެ. އެ ޤައުމުގައި މި އަހަރުގެ މިހާތަނަށް ހިނގާފައިވާ ބަޑިޖެހުމުގެ ހާދިސާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 34,000އިން މައްޗަށް އަރާފައެވެ.
އުތުރު ކޮރެލައިނާގެ ބަޑި ޖެހުމުގެ ހާދިސާ ހިނގާފައި ވަނީ، 2018ވަނަ އަހަރު ދިން ބަޑީގެ ހަމަލާއެއްގައި ޒިންމާވާ ނިކޮލަސް ކްރޫޒް އުމުރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރިތާ އެއް ދުވަސް ފަހުންނެވެ. ފްލޮރިޑާގެ ހައި ސްކޫލެއްގެ ދިން ބަޑީގެ ހަމަލާތަކުގައި 17 މީހުން ވަނީ މަރައިލާފައެވެ.
ފަހަކަށް އައިސް ހިނގާފައިވާ މި ފަދަ ހާދިސާތަކާ ގުޅިގެން ޢާންމުންގެ ނުރުހުން އިތުރުވުމާ ގުޅިގެން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ޢާންމުންނަށް ބަޑިއާއި އެ ފަދަ ހަތިޔާރު ގެންގުޅުމަށް އޮތް ޤާނޫނީ ހައްޤު ހަނިކުރަން މަސައްކަތް ފަށާފައެވެ.
2017ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު، އެމެރިކާގެ ޢާންމުންގެ އަތުގައި ހުރި ބަޑީގެ އަދަދު 400 މިލިޔަނަށް އަރައެވެ. އެއީ، އެ ޤައުމުގެ އާބާދީގެ ކޮންމެ 100 މީހަކަށް 120 ބަޑިއެވެ.