ޚަބަރު

ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސް; ކަނޑުގަދަވެ، އުދައެރުން އެކަށީގެންވޭ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އިއްޔެއިން ފެށިގެން މޫސުމާބެހޭ އިދާރާއިން ނެރެމުންދާ ވައިޓް އެލާޓް ދަމަހައްޓައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ހަފްތާ ބަންދާއި، އަދި ކުރިއަށް އޮތް ހަފްތާގެ ހޯމައާ ހަމައަށްވެސް މޫސުން ގޯސްވާނެއެވެ. މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ބޯކޮށް ވާރޭވެހި، ކަނޑުގަދަވުމުގެ ސަބަބުން އުދައެރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެއިދާރާއިން ވިދާޅުވީ ގަޑިއަކު 24 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫދާއި ކައިރީގައި ދިރިއުޅޭ ފަރާތްތަކުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.