ޚަބަރު

އޮސްޓްރޭލިޔާގެ ވިކްޓޯރިޔާގެ ބޮޑު ސަރަޙައްދެއް ފެނުއަޑީގައި


އޮސްޓްރޭލިޔާގެ އިރުދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ވިކްޓޯރިޔާ ސްޓޭޓްގެ ބޮޑު ސަރަޙައްދެއްގައި ފެން ބޮޑުވެއްޖެއެވެ. މި ވިއްސާރައިގެ އަސަރު އޮސްޓްރޭލިޔާގެ ތިން ސްޓޭޓަށް ދަނީ ކުރަމުންނެވެ. އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ދެވަނައަށް އެންމެ ބޮޑު ސްޓޭޓް ކަމުގައިވާ ވިކްޓޯރިޔާގެ ވެރިރަށް މެލްބަރންއަށެވެ.

މެލްބަރންގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާ އިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ފެންބޮޑުވުމާ ގުޅިގެން ގެދޮރާއި ހިފާގެންގުޅޭ މުދަލާއި މަގުމަތީގައި ދުއްވާ އުޅަނދުފަހަރަށް ގެއްލުން ލިބިފައި ވާއިރު، ގެތަކުގައި ތާށިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސިފައިންނާއި ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވުމާ ގުޅިގެން ވިކްޓޯރިޔާ ސްޓޭޓްގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ. ވިކްޓޯރިޔާގައި 500 އަށްވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުންވެފައިވާ ކަމުގައި އެ ސްޓޭޓްގެ އެންމެ އިސްވެރިޔާ ޑެނިއެލް އެންޑްރޫޒް ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން އިތުރު 500 ގެއެއް ވަނީ ބަންދުވެފައެވެ. އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް އެހީވާން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފެންބޮޑުވުމުގެ އަސަރު ވިކްޓޯރިޔާ ސްޓޭޓްގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރާނެ ކަމަށް އެ ސްޓޭޓްގެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެއެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ވިކްޓޯރިޔާގެ ޝެޕަރޓަންގެ 4,000 އަށްވުރެ ގޭގައި ފެންބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އޮސްޓްރޭލިޔާގެ ސިފައިން މިހާރު ދަނީ ޢާންމުންގެ ގެދޮރު ކައިރީގައި ވެލިބަސްތާ ޖެހުމަށް އެހީތެރިވަމުންނެވެ. އަދި، ގެދޮރަށް ފެންވަދެ ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާގެ ގޮތުގައި ކުރިން ކޮވިޑް ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރި ތަންތަން ބަދަލު ކުރަމުންދާ ކަމުގައި އޮފިޝަލުން ބުނެއެވެ.

ވިކްޓޯރިޔާގެ ދެކުނުން އޮންނަ ޓެސްމޭނިޔާގައި ފެންބޮޑުވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އަދި، އެ ސްޓޭޓްގައި ދިރިއުޅޭ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ވަނީ އަންގާފައެވެ. އޮސްޓްރޭލިޔާގައި އެންމެ ބޮޑު އާބާދީއެއް އޮންނަ ނިއު ސައުތް ވެލްސްގައި ވެސް ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ހިޔާތައް ތައްޔާރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮސްޓްރޭލިޔާގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދަށް ވާރޭ ވެހޭ މިންވަރު ވަނީ އިތުރުވެފައެވެ. މާރިޗު މަހު ކުއީންސްލެންޑް އަދި ނިއު ސައުތް ވެލްސްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 20 މީހުން މަރުވިއެވެ. ޖުލައި މަހު ސިޑްނީގައި ފެންބޮޑުވެ، އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.