ޚަބަރު

ޓެކްސް ބޮޑުކުރުމަކީ ސިޔާސީގޮތުން އުނދަގޫ، ނަމަވެސް ރައްޔިތުންގެ ލާބަޔަށް ނިންމާ ނިންމުމެއް: އަހުމަދު


ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމުމަކީ ސިޔާސީގޮތުން އުނދަގޫ އަދި ގޮންޖެހުން ބޮޑު ނިންމުމަކަށް ވީނަމަވެސް، އެބަދަލު ގެންނަނީ މުޅި ރައްޔިތުންގެ ފައިދާއާއި ލަބަޔަށްޓަކައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓައި ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލިސް ތެރެއިން ދަނީ ކުރަމުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީ %12 އިން %16 އަށް، އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމަށެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ.

ޕީއެސްއެމް ނިއުސްގެ ބާބު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި، ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއިއެކު ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާގެ މަތީން ރައްޔިތުންނަށް ލާބަހުރި ގޮތަކަށް ކަންކަން ނިންމުމަކީ ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަންތައްތަކެއް ކަމަށެވެ. އަދި ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑު ކުރުމަކީ ސިޔާސީ ގޮތުން ބަލާއިރު ސަރުކާރަށް ނިންމަން އުދަގޫ ނިންމުމެއް ނަމަވެސް، މުޅި ރައްޔިތުންގެ ލާބަޔާއި މަންފާ އިސްކުރުމަކީ ސަރުކާރުން ކުރާނެކަމެއްކަމަށް އަހުމަދު ވިދާޅުވިއެވެ.

ދުނިޔޭގެ ޤައުމުތަކުގައި އިންފްލޭޝަން ރޭޓުތައް އުފުލެމުންދާއިރު، ރާއްޖޭގައި އިންފްލޭޝަން މައްޗަށް ނުދަނީ ސަބްސިޑީތައް ދެމުންދާތީ ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި ސަބްސިޑީ ދެވެނީ ޓެކްސްއާއި ގުޅިގެން ކަމަށްވާއިރު، މިހާރު މިނަގާ ޓެކްސް އިތުރުނުކޮށް، މިކަންކަން ދެމެހެއްޓެވި ގޮތަކަށް ކުރިއަށް ގެންދިއުމަކީ އުނދަގޫކަމެއްކަމަށް ފިނޭންސް މިނިސްޓްރީންވެސް ވަނީ ވިދާޅުވެފައެވެ.

ޖީއެސްޓީ އަދި ޓީ–ޖީއެސްޓީއަށް ގެންނަ ބަދަލާއެކު ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެެވެ.

ޓެކްސް ބޮޑުކުރުމުގެ އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށެވެ.