ޚަބަރު

އިމްޕޯޓު އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ %25 އިތުރުވެއްޖެ


މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިއީ 27 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޫރެވެ. އޮމާން އިން 794 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާއިން 627 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާއިން 525 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫ.އޭ.އީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 392 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް ސެޕްޓެމްބަރުމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ދަށްވެފައެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއިން 172 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު އެކްސްޕޯޓުކޮށްފައި ވަނީ 166 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 4 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ސްޕެއިން، އަދި ފަރަންސޭސިވިލާތަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 51 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އަދި 11 އިންސައްތަ މުދާ ޖަރުމަންވިލާތަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 7 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓު ކުރި އަދަދު އިތުރުވުމާއެކު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން 281 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހު މިޢަދަދު ވަނީ 351 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 25 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަމަހު ރާއްޖެއަށް މުދާ ހިފައިގެން 88 އުޅަނދެއް އައިސްފައިވެއެވެ. އަދި 92 އުޅަނދެއް ފުރާފައިވެއެވެ.