ޚަބަރު

ނިއުކްލިޔަރ ހަމަލާއެއް ދީފި ނަމަ ރަޝިޔާގެ އަސްކަރިއްޔާ ނައްތާލާނަން: ވިލާތުގެ އިއްތިހާދު


ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފި ނަމަ، ރައްދުގައި ހުޅަނގުން ތެދުވެ، ރަޝިޔާގެ އަސްކަރިއްޔާ "ނައްތައިލާނެ"ކަމުގެ އިންޒާރު ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިން ދީފިއެވެ. އީ.ޔޫ.ގެ ފަރާތުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަށް މި މޭރުމުން އިންޒާރު ދެއްވާފައި ވަނީ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ޖޯސެފް ބޮރެލްއެވެ.

"ޔޫކްރެއިނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރާނެ ކަމުގެ އިންޒާރު ދިނީ ސަމާސާއަކަށް ނޫން ކަމަށް ޕުޓިން ވިދާޅުވޭ. ސާފުވާން ޖެހޭ ހަޤީޤަތަކީ، އެމެރިކާއާއި ނޭޓޯއާއި އީ.ޔޫ.ގެ މެންބަރު ޤައުމުތަކުން ވެސް މި ދައްކަނީ ތޯތޯ ވާހަކައެއް ނޫން ކަން. ޔޫކްރެއިނާ ދެކޮޅަށް ނިއުކްލިޔަރ ހަމަލާއެއް ދީފި ނަމަ އަޅުގަނޑުމެން ރަޝިޔާއަށް ވަރުގަދަ ރައްދެއް ދޭނަން. ރަޝިޔާގެ މުޅި އަސްކަރިއްޔާ ނައްތައިލާނަން،" ބޮރެލް ވިދާޅުވިއެވެ.

ރަޝިޔާ ރައްޔިތުންނާއި އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ބޭނުން ނުކުރާނެ އެއްވެސް ހަތިޔާރެއް ނޯންނާނެ ކަމުގައި ވިދާޅުވެ، ޕުޓިން ވަނީ ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ވެސް ފަސް ނުޖެހޭނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އަދި، ރަޝިޔާއިން އަތްގަދަކޮށް، އެ ޤައުމުގެ ބަޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތައް އިސްތިސްނާ ނުކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ޕުޓިންއަށް ހުޅަނގުގެ ފާޑުކިޔުންތަކާ އިންޒާރުތައް ރައްދުވިއެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވީ، ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފި ނަމަ، އެ ކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގައެވެ.

"އަޅުގަނޑުމެން ރަޝިޔާއަށް ރައްދު ދޭނީ ކޮން ގޮތަކުން ކަން ހާމަކުރާކަށް ބޭނުމެއް ނޫން. ނަމަވެސް، ކިތަންމެ ކުޑަ ނިއުކްލިޔަރ ހަތިޔާރެއް ރަޝިޔާއިން ބޭނުން ކުރުން ވެސް ވާނީ ވަރަށް ބޮޑު، އަދި ސީރިޔަސް ކަމަކަށް،" ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 24ގައެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފި ނަމަ، ހުޅަނގުން އަމަލީ ގޮތުން ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށް ބެލެވޭ ކަމުގައި ނޭޓޯއިން ބުނެއެވެ. އަދި، ރަޝިޔާއާ ދެކޮޅަށް ނޭޓޯއިން ތެދުވާނެ ކަމަށް ވެސް ބެލެވެއެވެ.

ނަމަވެސް، ރަޝިޔާއާ ދެކޮޅަށް ނިއުކްލިޔަރ ހަމަލާއެއް ދިނުމާ މެދު ވަކި އެއްޗެއް ހާމަ ކުރުމަށް ނޭޓޯއިން ފަސްޖެހެއެވެ. ސަބަބަކީ، ޔޫކްރެއިނަކީ ނޭޓޯގެ މެންބަރަކަށް ނުވުމެވެ. ނޭޓޯގެ މެންބަރު ޤައުމުތަކުގެ ދިފާޢީ ކަންކަމާ ބެހޭ އެއްބަސްވުންތަކުގައި ވާ ގޮތުން، އެ އިއްތިހާދަށް އެހެން ޤައުމަކާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރެވޭނީ، އެ އިއްތިހާދުގެ މެންބަރު ޤައުމަކާ ދެކޮޅަށް އެ ފަދަ ހަތިޔާރެއް ބޭނުންކޮށްފި ހާލަތެއްގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވުމަށް އެމެރިކާއާއި ނޭޓޯއިން އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެ ފަދަ އަމަލެއް ކޮށްފި ނަމަ، ނިއުކްލިޔަރ ހަނގުރާމައެއް ފެށުމުގެ ބިރު އެބައޮތެވެ.

"ނޭޓޯގެ މެންބަރު ޤައުމުތަކުގެ ނިއުކްލިޔަރ ހަތިޔާރުތަކުގެ ބޭނުމަކީ، އެއިން ޤައުމަކަށް އެހެން ޤައުމަކުން އެ ފަދަ ހަތިޔާރެއް ބޭނުން ކުރުމުގެ ފުރުޞަތު ނުދިނުން. ނޭޓޯއިން އެހެން ޤައުމަކާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރެއް ބޭނުން ކުރުމުގެ ފުރުޞަތު ވެސް ވަރަށް ހަނިވާނެ،" ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.