އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑު މަރިޔަމް ރޫޔާ އަލީ އާކޮށްފިއެވެ.
އުއްމީދީ ދުވުންތެރިޔާ ރޫޔާ ޔޫތު ގައުމީ ރެކޯޑު އާކޮށްފައިވަނީ 18 އަހަރުން ދަށަށް ޚާއްސަކޮށްގެން ކުވެއިތުގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު އެތުލެޓިކްސް މުބާރާތުގައެވެ. މި ރެކޯޑު ކުރިންވެސް އޮންނަނީ ރޫޔާގެ އަތުގައެވެ.
ރޫޔާ އެންމެ ފުރަތަމަ މި ރިކޯޑު ހަދާފައިވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ނެޝެނަލް ގްރޯން ޕްރީ މުބާރާތުގައެވެ. އެ ފަހަރު ރޫޔާ ރެކޯޑު ހެދީ 12.53 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ކުވެއިތުގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރޫޔާ އޭނާގެ އަމިއްލަ ރިކޯޑު އާކުރީ 12.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރޫޔާ ދިޔައީ އޭނާ ވާދަކުރި ހީޓް އެކެއްގެ ހަތަރުވަނައަށެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުން ފާހަގަވި ރޫޔާ އަންނަނީ ފަހަކަށް އައިސް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އަދި މއީ މި އަހަރު ރޫޔާ ވާދަކުރާ ބައިނަލްއަގުވާމީ ތިންވަނަ މުބާރާތެވެ.
ކުވެއިތުގައި އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބައްރުގެ ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ރޫޔާގެ އިތުރުން ދެން ވާދަކުރާ ދިވެހި އެތުލީޓުންނަކީ ހުސެއިން ޒީކް ސުއާދާއި، އިބްރާހީމް ނާހިލް ނިޒާރާއި، ޔޫސުފް އާއިޝް މުޙައްމަދު އަދި މުހައްމަދު މިންހާލް ޝާމިންއެވެ.