ޚަބަރު

ގުޅީފަޅު ސަރުކާރަށް ނަގައިފި


ބިން ހިއްކުމާއި ތަރައްޤީކުރުމަށް ގުޅީފަޅު 35 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ޖީޕީޑީއާއެކު ވެފައިވާ އެއްބަސްވުމާ އެކުންފުނިން ޚިލާފުވެފައިވާތީ، އެއްބަސްވުން ބާތިލްކުރުމަށްފަހު، އެރަށް އަނބުރާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑަށް ނަގައިފިއެވެ. ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި، މިއެއްބަސްވުން ބާތިލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި ގުޅީފަޅު އެކުންފުނީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުކަމަށް އެކުންފުނިން ބުނެއެވެ. އަދި އެ ގޮތަށް ޢަމަލުކުރަން ޖެހުނީ، ދިވެހި ދައުލަތަށް އެކުންފުނިން ފީގެ ގޮތުގައި ދައްކަންޖެހޭ، އެތައް މިލިއަން ޑޮލަރު ދެއްކުމަށް ނުކުޅެދުމާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނުނިންމުންކަމަށްވެސް، ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ ބަޔާނުގައި ބުނެއެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން 2014 ވަނަ އަހަރުގެ ތެރޭގައި 115 ހެކްޓަރުގެ ބިންހިއްކުމަށް އެއްބަސްވެފައި ވީނަމަވެސް، ޖީޕީޑީއިން ހިއްކާފައިވަނީ 18 ހެކްޓަރުގެ ބިންކަމަށާއި މީގެ ތެރެއިން ބޭނުންކުރެވޭ ފެންވަރަށް ހިއްކާފައިވަނީ 12 ހެކްޓަރުގެ ބިންކަމަށްވެސް ދައުލަތުގެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ގުޅިފަޅުގައި ޢާއްމުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 2500 ހައުސިންގ ޔުނިޓު އެޅުމަށް ނިންމާފައިވަނީ ދެވަނަ ފިޔަވަހީގެ ދަށުން ކަމަށް ވިޔަސް، އެއްބަސްވުމުގައި ވާ ގޮތާއި ޚިލާފަށް 78 ޔުނިޓު ޢިމާރާތްކުރުމަށް ފުރަތަމަ ފިޔަވަހީގައި ނިންމާ، 24 ޔުނިޓު ޢިމާރާތްކޮށްފައިވާކަންވެސް ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑްއިން ފާހަގަކުރެއެވެ. އަދި މި ހައުސިންގ ޔުނިޓުތައް އަޅާފައިވަނީ ތިލަފުށީގައި ކުނި ނައްތާލާ ސަރަޙައްދާ ދިމާވާ ގޮތަށެވެ. ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑްއިން ބުނާ ގޮތުގައި ޖީޕީޑީއިން ދެވަނަ ފިޔަވަހީގެ ދަށުން ބިންހިއްކާފައެއް ނުވެއެވެ. އަދި ގެދޮރު އެޅުމަށް ނަގަންޖެހޭ ހުއްދަތައް ހައުސިންގ މިނިސްޓްރީން ނަގާފައެއްވެސް ނުވެއެވެ. އަދި އެއްބަސްވުމާއި ޚިލާފަށް އެޅި ހައުސިންގ ޔުނިޓުތައް ޢާއްމުންނަށް ވިއްކައިގެން ތިރީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖީޕީޑީއިން  ނަގާފައިވާ ކަމަށްވެސް ގުޅީފަޅު އިންވެސްޓްމަންޓްއިން ބުނޭ. އަދި ބިމުގެ ވެރިފަރާތާ ބިން ޙަވާލުކުރުމާބެހޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ދަޢުލަތަށް ނުލިބޭކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި މިގޮތަށް ކަންތައްތައްވެގެން ދިޔައިރުވެސް ދައުލަތުގެ ކުންފުނިން މަސައްކަތްކުރީ، ދެފަރާތުން ގުޅިގެން މި މައްސަލަ ޙައްލުކުރުމަށް ކަމަށްވިއަސް، ޖީޕީޑީއިން އެކަމަށް އެއްބާރުލުން ދީފައި ނުވާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި މީގެ ބަދަލުގައި ޙަޤީގަތްއޮޅޭ ގޮތަށް، ގުޅީފަޅު އިންވެސްޓްމަންޓް ލިމިޓެޑް ބަދުނާމުވާނެހެން ޖީޕީޑީއިން ބަޔާންތައް ނެރެފައިވާކަން ދައުލަތުގެ ކުންފުނީގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެކުންފުނިން ބުނީ ޢާއްމު ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެކުންފުނިން ކުރާނެ ކަމަށެވެ. އަދި ގުޅީފަޅު ތަރައްޤީކުރުންވެސް ކުރިޔަށް ދާނެ ކަމުގެ ޔަގީންކަން ދަޢުލަތުގެ ކުންފުނިންދެއެވެ.