ޚަބަރު

އަންނަ އަހަރަށް ހުށަހަޅަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް


އަންނަ އަހަރަށް ހުށަހަޅަން މަސައްކަތްކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ނިމެމުންދާއިރު، ބަޖެޓް 41.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް ޕޮލިސީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުން ބަޖެޓް އިތުރަށް ބޮޑުވުން ނުވަތަ ކުޑަވުން އެކަށީގެންވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ބެޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފިޒިކަލް ސްޓްރެޓަޖީއާއި އެއްގޮތަށް ހުށައެޅުންކަމަށެވެ.

"ފިސްކަލް ސްޓްރެޓަޖީގައި 2023 އަހަރަށް އަޅުގަނޑުމެން ހުށައަޅާނެ ބަޖެޓެއް ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްފައިވާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަމުން މިދަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން. ޕޮލިސީ ލެވެލްގެ ޑިސްކަޝަންއާއެކު ޢަދަދު ކުޑަވުމަކީވެސް އެކަށީގެންވާކަމެއް. އަދި ކޮންމެވެސް ވަރަކަށް މަތިވުމަކީވެސް އެކަށީގެންވާކަމެއް. އެކަމަކު މިހާރުގެ އަމާޒަކީ ހަމަ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި ހިފެހެއްޓުން އެއީ އަޅުގަނޑުމެންގެ ފިސްކަލް ސްޓްރެޓެޖީ." ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 2023 އިން 2025އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސަރުކާރުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަޤިންކުރުމަށްކަމަށްކަމަށެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ކަންތައްތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޢާމްދަނި އިތުރުކުރުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ މަތިކޮށްގެން ޢާމްދަނީ އިތުރުކުރުންކަމަށެވެ. އަންނަ އަހަރުގެ އާމްދަނީ 30 ބިލިއަންގައި ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"2019 އަހަރު ހުރި މިންވަރަށް މިއަހަރު ރާއްޖޭގެ އާމްދަނީ ރުޖޫޢަވާނެކަމަށް އަޅުގަނޑުމެން މި ބެލަނީ. މިހާރު 2023ވަނަ އަހަރު ޖުމްލަ އާމްދަނީ ގާތްގަނޑަކަށް 30.7 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް އަޅުގަނޑުމެން ފިސްކަލް ސްޓްރެޓަޖީގައިވެސް ހިމަނާފައިވާނެ. އަދި މިއަހަރު ނިމޭއިރު 24.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން މީގެކުރިން ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހު ބަޖެޓް މަޖިލީހަށް ހުށަހެޅުން އޮންނާނެ ކަމަށެވެ. މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާތަަނަށް ހުށައަޅާނެ އެންމެ ބޮޑު ދައުލަތުގެ ބަޖެޓެވެ.