ޚަބަރު

އަރުޝަދު ދޫކޮށްލީ ހައިކޯޓުގެ އަމުރާ ޚިލާފަށް، ފުލުހުންގެ މައްސަލަ ބަލަން އެންއައިސީއަށް އަންގައިފި!


މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުކުރެވިފައިވާ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ބަންދުން ދޫކޮށްލީ ހައިކޯޓުގެ އަމުރާ ޚިލާފަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، ސްރީ ލަންކާއިން ދުބާއީއަށް ދިއުމުން، ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުންނެވެ. ހައްޔަރުކުރީ ރާއްޖެ އައުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެކަމާ ގުޅިގެން ފުލުހުން އޭރު ވިދާޅުވީ ހައިކޯޓުގެ ޢަމުރެއް ތަންފީޒްކުރުމަށްޓަކައި އަރުޝަދު މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

އެކަމަކު ފުލުހުން ވަނީ ރޭ އޭނާ ބަންދުން ދޫކޮށްލާފައެވެ. އެކަމާ ގުޅިގެން ޕީޖީ އޮފީހުން ވިދާޅުވީ، އަރުޝަދު ޚާލިދު ހައްޔަރުކޮށް، ބަންދުކޮށްގެން ކޯޓަށް ހާޟިރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، 12 އޮކްޓޫބަރު 2022 ދުވަހުގެ 19:45އަށް އަރުޝަދު ޚާލިދު އެ ކޯޓަށް ޙާޟިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލައި، އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައި ކަމަށެވެ.

މި ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފުކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

އެހެންވެ އެކަން ފުލުހުންގެ ބޯޑުގެ ސަމާލުކަމަށް ގެނެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ބަންދުން ދޫކުރުމަށް ނިންމުމާއި އަދި ބަންދުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގަވާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

އަރުޝަދު ޚާލިދު ހައްޔަރުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމާއެކު، ޕީޖީ އޮފީހުން ގެންދިޔައީ މިކަމުގައި ޢަމަލުކުރަންވީގޮތުގެ އިރުޝާދު ދިވެހި ފުލުހުންގެ ޚިދުމަތަށް ދެމުން ކަމަށާ، އަރުޝަދު ޚާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެކަމަށް ވިދާޅުވެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން ޕީޖީ އޮފީހުގެ ލަފަޔަކަށް އެދިފައިވެސް ނުވާ ކަމަށް އެއޮފީހުން ވިދާޅުވެއެވެ.

ޕީޖީ އޮފީހުން ވިދާޅުވިގޮތުގައި އެކަން ހިނގާފައިވަނީ މައްސަލަ ތަޙުޤީޤުކުރާ ފަރާތާއި، ތަޙުޤީޤުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިއެވެ. މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީނަމަވެސް، މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މާލެއާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެވެއެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލައިގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރުއޮތީ ހައި ކޯޓުގައެވެ.