ޚަބަރު

ފްލެޓާއި ގޯއްޗަށް އެދޭ މީހުންގެ ކޯ-އެޕްލިކަންޓުގެ އިގްރާރު އެޕްރޫވްކުރިތޯ ޔަޤީން ކުރޭ!


ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ މީހުންގެ އިޤްރާރު އެޕްރޫވް ކުރުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް މީހުން އިޤްރާރު އެޕްރޫވްނުކޮށް އޮންނަ މައްސަލަ ބޮޑުވުމާއެކުގައެވެ.

އެ މިނިސްޓްރީގެ އިއުލާނެއްގައި ވިދާޅުވީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަންގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް މީހުން ޕޯޓަލް މެދުވެރިކޮށް އިގުރާރު އެޕްރޫވްނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓުނުވެ ހުންނަކަން ވަރަށް ގިނައިން މިހާރު ފާހަގަކުރެވޭކަމަށެވެ. އަދި އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓް ވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ މީހުން، އެ މީހެއްގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލްއަށް ވަދެ، އެ ފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާމެދު އެ މީހެއްގެ ރުހުން ދިނުމުންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ގެދޮރުވެރިން ޕޯޓަލްއަށް ވަދެ "ބައިވެރިވާ ފަރާތްތަކުގެ އިގުރާރު" ފުރިހަމަކުރުމަށް ޕްލޭނިން މިނިސްޓްރީ އެދެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުން ދޫކުރާ ގޯތި އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ ފްލެޓަށް އެދުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ. ވުމާއެކު އެ ތާރީޚުގެކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ މީހުން ވެސް ހުށަހަޅާފައިވާ ފޯމުގެ ސްޓޭޓަސްގައި އިނީ "ސަބްމިޓެޑް"ތޯ ޔަގީން ކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ޕްލޭނިން މިނިސްޓްރީގެ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދި މިދިޔަ މަހުގެ ނިޔަލަށް 10،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ ޢަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުންކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.