ޚަބަރު

އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަ މަޖިލީހަށް !


މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތާގުޅޭ މައްސަލަތަކެއް ބައްލަވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދުﷲ ރިޔާޒް މަޖިލީހަށް ހުށައަޅުއްވައިފިއެވެ. މަޖިލީހަށް ރިޔާޒް ހުށައަޅުއްވި މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރްސީން ހިންގާފައިވާކަމަށް ބުނާ ޚިޔާނާތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަދާކުރައްވަންޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވާފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކުރައްވާފައިވާ މައްސަލައާއި ބަޑިބޭސް ކޮންޓެއިނަރެއް ޤަވާޢިދާ ޚިލާފަށް އެމްއެމްޕީއާރްސީން ރާއްޖެ އެތެރެކުރިކަމަށް ބުނާ މައްސަލަވެސް ހިމެނެއެވެ. ރިޔާޒް މި މައްސަލަތައް ހުށައަޅުއްވީ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމޓީއަށާއި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީއަށެވެ. އެމްއެމްޕީއާރްސީގެ ޚާއްޞަ އޮޑިޓެއް ކުރެއްވުމަށްފަހު އޮޑިޓް އޮފީހުން މިދިޔަ ހުކުރު ދުވަހު ޢާއްމުކުރެއްވި ރިޕޯޓްގައިވާ ގޮތުން އެމްއެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ޖުމްލަ ޢަދަދު އެކެއް ޕޮއިންޓް ދޭއް ބިލިޔަން ރުފިޔާއަށް އަރައެވެ.  މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތުގެ ގޮތުގައި ރެކޯރޑްކުރެވިފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވަނީ ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާ ގާތްގުޅެއްމެއް އޮންނަ މުޙައްމަދު އައްލާމް ލަތީފާއި ޙާމިދު އިސްމާޢީލްގެ ޙިއްޞާ އޮންނަ ކުންފުނިތަކުގެ އެކައުންޓަށްކަމަށް އޮޑިޓް ރިޕޯޓްގައި ބަޔާންކުރައްވާފައިވެއެވެ.