ޚަބަރު

ދިގުރަށަށް ރޭ އެރި އުދަ ރައްޔިތުން ސިފަކުރީ ސުނާމީއެއްގެ ސިފައިގައި


އދ.ދިގުރަށަށް ރޭ މެންދަމު އުދައަރައި 2004ވަނަ އަހަރުގެ ސުނާމީގައި ވެސް އެރަށަށް ނުވާވަރުގެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

685 މީހުންގެ ކުޑަ އާބާދީއެއް އޮންނަ ދިގުރަށަކީ، ހިމަކޮށް ދިގުކޮށް ދިގު ތުނޑިއެއް ލާފައި އޮންނަ ރަށެކެވެ. ރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން "ޕީއެސްއެމް ނިއުސް"އަށް ވިދާޅުވިގޮތުގައި އުދަ އަރަންފެށީ ރޭ މެންދަމު ގާތްގަނޑަކަށް 12:55 ހާއިރުއެވެ. އަދި ފަތިސް ވަންދެން މެދުކެނޑުމެއް ނެތި އުދަ އެރުން ކުރިއަށް ދިޔައެވެ.

އޭނާ ވިދާޅުވިގޮތޮގައި ބަނދަރުގައި އަޅާފައިހުރި ދޯނިތަކާއި އެހެނިހެން ވެސް ހުރިހާ އުޅަނދަކަށްހެން އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އަދި ގެ ތަކަށާއި، ފިހާރަތަކަށްވެސް ފެން ވަދެ އާންމުންނަށް ވެސް މިކަމުގެ އަސަރު ކޮށްފައިވެއެވެ.

ރޭ ހިނގައިދިޔަ މިހާދިސާއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކި އެރަށުގެ ރައްޔިތުން އެ ހާދިސާ ސިފަކުރީ ދެވަނަ ސުނާމީއެއްގެ ގޮތުގައެވެ.

"ސުނާމީގައި ވެސް އަޅުގަނޑުމެންނަށް މިކަހަލަ އިހުސާސެއް ނުކުރެވޭ އިނގޭތޯ." ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ރަށު ރައްޔިތަކު ބުންޏެވެ.

މެންދަމުން ފެށިގެން ރަށުގެ އުތުރުފަރާތު ބަނދަރާ ދިމާއިން އުދައަރަން ފަށާފައިވާއިރު، ސިނާން ވެސް އެ ސަރަހައްދަށް ދިޔައީ އުދައިގެ ވާހަކަ އަޑު އިވިގެން އޭނާގެ ޑިންގީ އޮތް ހާލަކާމެދު ކަންބޮޑުވެ ދަންވަރު 1:30 ވީ ފަހުންނެވެ.

"ޑިންގީގެ ވާ ކަނޑައިގެން ގޮސް އެވެސް އޮތީ ބަނދަރު މެދުތެރޭގައި. ކުދި އުޅަނދުފަހަރު ބަނދަރުތެރޭ އެނބުރެނީ. ބަނދަރު ފުރިގެން ރާޅު އަރަނީ މައްޗަށް. މުޅި އެހިސާބު އޮތީ ފެންބޮޑުވެފައި." ސިނާން ވިދާޅުވިއެވެ.

އެ ސަރަހައްދުގައި ހަަރަކާތްތެރިވި ދިގުރަށުގެ ރައްޔިތެއްކަމަށްވާ އިމްރާން އާދަމްވެސް ރޭގެ ހާދިސާގެ ވާހަކަ ފެށީ ސުނާމީގެ ހަނދާނުންނެވެ. 2004ވަނަ އަހަރު ސުނާމީ އެރިއިރު 4 ސީޒަންސް ކުޑަ ހުރާގައި މަސައްކަތްކުރި އިމްރާނަކީ ސުނާމީގެ ހާދިސާވެސް ތަޖުރިބާ ކޮށްފައިވާ މީހެކެވެ.

"އުދައަށްވުރެ ބޮޑަށް ރާޅުގެ އަޑާއި އެއައި ބާރުމިނާ ރާޅު ހުރިގޮތާ ބަލާފަ އަޅުގަނޑަށް ހަމަ ސިފަވަނީ 2004 ގެ ސުނާމީ ހާދިސާ." އިމްރާން ވިދާޅުވިއެވެ.

އޭނާ ވެސް އެސަރަހައްދަށް ދިޔައީ އެންމެފުރަތަމަ ބޮޑު ރާޅުގެ އަޑާއެކުއެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށްފަހު ގެއާ ދިމާއަށް މިސްރާބުޖެހީ ދިޔަވަރު ކުޑަވީމަ ރަނގަޅުވާނެ ކަމަށް ލަފާކޮށްފައެވެ. އެކަމަކު ކަންހިނގީ އެއާ ޚިލާފަށް ކަމަށާ، އުދައިގެ އަސަރު މެދުނުކެނޑި ފަތިސް ވަންދެން ހުރި ކަމަށް އޭނާ ބުންޏެވެ.

"ބަނދަރު ފުރިގެން ބަނދަރު މަތިން މުޅި އެ ސަރަހައްދު އެކީ ފެންބޮޑުކޮށްލިއިރު، ރަށު ތެރެއަށް ރާސްލާފައި އަރައިގެން ގޮސް މަގުތަކުން އައިސް ސުނާމީގައި ދިގުރަށަށް ރާޅުގެ އަސަރު ނުކުރާ ހިސާބުތަކަށް ބޮޑަށް ގެއްލުންވި." އިމްރާން ވިދާޅުވިއެވެ.

ރަށަށް ލިބުނު ގެއްލުން ތަފްސީލްކޮށް ކިޔައިދެމުން އިމްރާން ބުނީ ރާޅުގެ އަސަރު ބޮޑަށް ކޮށްފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ކަމަށެވެ. އެގޮތުން ގެތަކަށް ފެންވަދެ، އެސަރަޙައްދާ ކައިިރި ގެތަކުގެ މީހުން އެހެން ތަންތަނަށް ބަދަލުވެސް ވި ކަމަށެވެ. ބަނދަރުގައި އަޅާފައި އޮތް ދެ ޑިންގީއެއް ހަލާވެސް ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފަތިސް ނަމާދު ބަންގިއަށްފަހު ކިރިޔާވެސް މައިތިރިވީ. އެފަހުން މިހާރުވެސް ރަށުތެރެ ސާފުކުރުމާއި ވީ ގެއްލުން ބެލުމުގެ މަސައްކަތާއިގެން އެންމެން ނިކުމެ އެ އުޅެނީ." އިމްރާން ބުންޏެވެ.

ސުނާމީގައި ވެސް މާބޮޑު ގެއްލުމެއް ވެފައިނުވާ ދިގުރަށަކީ އާންމުގޮތެއްގައި މޫސުން ގޯސްވާއިރު ވެސް އުދައަރާ ރަށެއް ނޫނެވެ. ރަށު މީހުން ބުނާގޮތުގައި ސުނާމީގެ ފަހުން މިގޮތަށް ރަށަށް ރާޅުއަރާފައެއް ނުވެއެވެ. އަދި ރެކޯޑުތައް ބުނާގޮތުންނަމަ އެރަށަކީ ސުނާމީގައި ވެސް މާ ބޮޑު ގެއްލުމެއް ވީރަށެއް ނޫނެވެ.