ޚަބަރު

އެޑިއުކޭޝަން މިނިސްޓަރ ފުވައްމުލަކުގައި


ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ހާމަކުރައްވައި، ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިނިސްޓަރ މި މަޝްވަރާތައް ކުރެއްވީ މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ސަރުކާރުގެ ދަތުރުފުޅުގައެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، މިއަދު ފުވައްމުލަކުގެ ތިން ސްކޫލަކަށް ޒިޔާރަތްކުރައްވައި، ސްކޫލްތަކުގެ ޓީޗަރުންނާއި، އިސް މެނޭޖްމަންޓާއި، ޕީޓީއޭ ބޯޑު މެންބަރުންނާ ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ޒިޔާރަތްކުރެއްވީ މަދަރުސަތުލް މުޙައްމަދު ޖަމާލުއްދީނާއި، ޙާފިޒު އަޙުމަދު ސްކޫލާއި، ފުވައްމުލަކު ސްކޫލަށެވެ.އެޑިޔުކޭޝަން މިނިސްޓަރ މި ސްކޫލްތަކުގެ އިސް މެނޭޖްމަންޓާއި ޕީޓީއޭގެ މެންބަރުންނާ ބައްދަލުކުރައްވައި، ސަރުކާރުން ތަންފީޒުކުރައްވަމުން ގެންދަވާ ތަޢުލީމީ ސިޔާސަތުގެ މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. މިގޮތުން މައިގަނޑު ފަސް ސިޔާސަތަކަށް ޚާއްޞަގޮތެއްގައި އަލިއަޅުއްވާލެއްވިއެވެ. އެއީ، އެއްވެސް ކުއްޖަކު ބާކީނުކުރެއްވުމުގެ ސިޔާސަތާއި ސްކޫލްތަކަށް ޙާޟިރުނުވާ ދަރިވަރުންގެ ތެރެއިން ސްކޫލުން ވަކިކުރެވޭ ކުދިންގެ ޢަދަދު މަދުކުރެއްވުމުގެ ސިޔާސަތާއި ސްކޫލްތަކުގައި ކިޔަވައިދެއްވުމުގެ ފެންވަރު މަތިކުރެއްވުމުގެ ސިޔާސަތާއި ދަސްވާރު ޕްރޮގްރާމާއި ބީޓެކް ޕްރޮގްރާމްގެ މަޢުލޫމާތު ހިމެނެއެވެ. މި ކަންކަމުގެ މަޢުލޫމާތު އެ ބޭފުޅުންނަށް ދެއްވުމާއެކު މި ސިޔާސަތުތައް ތަންފީޒުކުރެއްވުމާ ގުޅޭގޮތުން އެ ބޭފުޅުންނާ މަޝްވަރާކުރައްވައި، ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި ސްކޫލްތަކުގެ ކަންކަން އިތުރަށް ރަނގަޅުކުރެއްވުމާ ބެހޭގޮތުން އެ ބޭފުޅުންނާ ވާހަކަފުޅުދެއްކެވިއެވެ. މިނިސްޓަރގެ މިދަތުރުފުޅުގައި މާދާމާ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.