ޚަބަރު

ޒުވާނުންނަށްޓަކައި ޒުވާނުންގެ ޙައްޤުގައި ވަކާލާތު ކުރަމުން ގެންދާނަން : ޝާހިދު


މި ސަރުކާރުން ޒުވާނުންނަށްޓަކާ، ޒުވާނުންގެ ޙައްޤުގައި ވަކާލާތުކުރަމުން ގެންދާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް ނުވަތަ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ކުރިއަށްއޮތް ދައުރަށް ރާއްޖޭން ވާދަކުރި ގޮނޑި ކާމިޔާބުކުރުމާގުޅިގެން ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވި ވީޑިއޯ މެސެޖުގައި މިއީ ރާއްޖޭން އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައި މަސައްކަތްކުރާނެ 3 ވަނަ ދައުރުކަން ފާހަގަކުރައްވާ، ރާއްޖޭން މި ކައުންސިލަށް އިންތިޚާބުވުމަކީ، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ޤައުމީ ފެންވަރުގައި މިކުރާ މަސައްކަތްތަކަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިތުބާރު އޮތް މިންވަރު ރަމްޒުކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.

"މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ހަރުދަނާ ޚާރިޖީ ސިޔާސަތަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ އިތުބާރު ގެ ވަރުގަދަ ސިގްނަލެއް" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައި ރާއްޖޭން ކުރިއަށްދާނީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ތަނބުތަކުގެ މައްޗަށް ބިނާކޮށް އެއިން މިސްރާބު ހޯދަމުންކަމަށެވެ. އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ބަހާތަކަކީ އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި ހެޔޮވެރިކަމާއި، އަދި މޫސުމަށް އަންނަ ބަދަލުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ނިޒާމު ހަރުދަނާކުރުމަށްޓަކާ ބިނާކުރަނިވިގޮތެއްގައި ރާއްޖޭން ބައިވެރިވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގައި މަގުދައްކައިދޭނީ އދ.ގެ ޗާޓަރާއި، އިންސާނީ ޙައްޤުތަކާބެހޭ ޔުނިވާރސަލް ޑެކްލަރޭޝަންގެ އުޞޫލުތައްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޒުވާނުންނަށްޓަކައި ޒުވާނުންގެ ޙައްޤުގައި ވަކާލާތު ކުރަމުން ގެންދާނަން. މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ދާނީ ކުރިއަށް. އަދި ސާފު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓެއް އޮތުމުގެ ޙައްޤަށް ވަކާލަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގައި ހިމެނޭ އިންސާނީ ޙައްޤުގެ ބައި ކުރިއަރުވައި، އެ ޙައްޤު ރައްކާތެރިކުރުމުގައި ދެމިތިބޭނަން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖޭން މަސައްކަތް ކުރާނީ، ކަމާއިބެހޭ ހުރިހާ ފަރާތްތަކަކާއި އެކީގައި، މާނަވީ ގޮތެއްގައި، އަދި ބިނާކުރަނިވި ގޮތެއްގައި، ރަނގަޅު ބަދަލުތަކެއް ގެނެސް، ކައުންސިލުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމަށްކަމަށެވެ. އަދި މިހާރަށްވުރެ ބޮޑަށް ގިނަ ބައެއްގެ ޝާމިލުވުން ހިމެނޭ، ބިނާކުރަނިވި، އަދި ތަފާތު ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ކައުންސިލަކަށް މި ކައުންސިލް ހެދުމަށްވެސް މަސައްކަތްކުރާނެކަމަށެވެ.