ޚަބަރު

ތިމަރަފުށީ ފެނުގެ ނިޒާމް ޤާއިމްކުރުން ލަންކާ ކުންފުންޏަކަށް


ތ. ތިމަރަފުށީ ފެނުގެ ނިޒާމް ޤާއިމް ކުރެއްވުމަށް 27.7 މިލިއަން ރުފިޔާއަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލު ކުރައްވައިފިއެވެ.ތިމަރަފުށީ ފެނުގެ ނިޒާމް 12 މަސް ދުވަހުގެ ތެރޭގައި ޤާއިމްކުރެއްވުމަށް ހަވާލުކުރައްވާފައިވަނީ ސްރީލަންކާގެ "ޕިއުރިޓަސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ގޭގެއަށް ފެން މީޓަރުތައް ގުޅުމާއި، ފެން ރައްކާކުރާނެ ތާންގީތައް ބެހެއްޓުންވެސް ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދެއްވުން  ކަމަށާއި، މި އަހަރަކީ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަވާނެ އަހަރެއްކަން ޠާރިޤް ފާހަގަކުރެއްވިއެވެ. މިއަދު ސޮއިކުރެއްވި ކޮންޓްރެކްޓްގެ ދަށުން ފެނުގެ ވިއުގަ ޑިޒައިން ކުރުމާއި ޤާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަންޖެހެއެވެ. 2015 ވަނަ އަހަރު 10 ރަށެއްގައި ފެނުގެ ނިޒާމާއި، 10 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަވާފައިވެއެވެ.